ފަލަސްތީނުގެ ޣައްޒާގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ބަނޑުހައިވެ ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން މި ދުނިޔެ ދޫކޮށްފިއެެވެ.

ޔޫރޯ މެޑް ހިއުމަން ރައިޓްސް މޮނިޓަރުން ބުނީ ޣައްޒާގެ އުތުރުގައި ހަނީން ޖުމާ ކިޔާ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ބަނޑުހައިހޫނުކަމުގެ ސަބަބުން މި ދުނިޔެ ދޫކުރި މައްސަލަ ޑޮކިއުމެންޓް ކުރެވިފައިވާ ކަމަށެވެ.

އޭނާގެ ބައްޕަ ސާލިހް ބުނި ގޮތުގައި ކެލްސިއަމް މަދުވެފައިވާ ހަނީން މި ދުނިޔެ ދޫކުރި ދުވަހުގެ ކުރީ ރޭ ބަނޑުހައިވެގެން އުޅޭ ކަމުގެ ޝަކުވާ ކުރިއެވެ.

"ފަތިހުގެ ކުރިން ދަރިފުޅު ބަލިވެ އުޅޭހެން ހީވި، ދަރިފުޅު އޮތީ މަރުގެ ތުންފަތް މަތީގައި، ދަރިފުޅު ހޮސްޕިޓަލަށް ގެންދިއުމަށް ކާރެއް ނުލިބޭ. "ބަނޑުހައިވެ ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ދަރިފުޅު މި ދުނިޔެ ދޫކުރީ ކަމަށް ޑޮކްޓަރު ބުނި،".

ޣައްޒާ ފުލް ސްކޭލް ބަނޑުހައިހޫނުކަމާ ދިމާލަށް ދަތުރުކުރަމުންދާއިރު، ގެދޮރު ގެއްލިފައިވާ އާންމުންނާއި ސިއްހީ ހިދުމަތްތެރިން ސީއެންއެންއަށް ބުނީ އެމީހުން ބަނޑުހައިވެގެން އުޅެނީ އެމީހުންގެ ދަރިންނަށް ލިބެން ހުރި މަދު އެއްޗެއް ކެއުމަށް ކަމަށެވެ. ފަލަސްތީނަށް ފެން ލިބިއްޖެނަމަ އެއީ ބޭނުން ކުރެވޭ ވަރުގެ ފެން ނޫން ކަމަށް ބުނެފައި ވެއެވެ.

އަދި ރިލީފް ޓްރަކްތައް އެ ތަނަށް ވަންނައިރު، މީހުން އެކަކު އަނެކަކުގެ ގައިމައްޗަށް އަރައިގެން އެހީ ހޯދާ ކަަމަށް ބުނެފައި ވެއެވެ. އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން ގެއިން މަޖުބޫރުވެ، މަގުމަތީގައި އުޅޭ ކުޑަކުދިން، ރޮށިތަކުގެ މައްސަލާގައި ރޮއި ހަދާ ކަމަށްވެސް ބުނެފައި ވެއެވެ. އަނެއް ބައި މީހުން އެތައް ގަޑިއިރެއް ވަންދެން ހިނގާފައި ކާބޯތަކެތި ހޯދުމުގައި އުޅޭ ކަމަށް ބުނެފައި ވެއެވެ.

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ޗީފް އިކޮނޮމިސްޓް އާރިފް ހުސައިން ސީއެންއެން އަށް ވިދާޅުވީ ހަނގުރާމައިގެ ކުރިން ވެސް ޣައްޒާގެ ކޮންމެ ތިން މީހަކުން ދެ މީހަކު ބަރޯސާވެފައި ވަނީ ކާބޯތަކެތީގެ އެހީއަށް ކަމަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ބޮން އެޅުމާއި ވަށާލުމުގެ ސަބަބުން ޣައްޒާގެ މުހިންމު ސަޕްލައިތައް ވަރަށް ބޮޑަށް ދަށްވެ، 2.2 މިލިއަން މީހުންގެ މުޅި އާބާދީއަށް ކާބޯތަކެތީގެ ނުރައްކާތެރިކަން ނުވަތަ އެއަށްވުރެ ވެސް ގޯސްވެފައިވާ ކަމަށް ދުނިޔޭގެ ކާބޯތަކެތީގެ ނުރައްކާތެރިކަން ދެނެގަންނަ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ އެންޑް ނިއުޓްރިޝަން ފޭސް ކްލެސިފިކޭޝަން (އައިޕީސީ) އިން ވަނީ ބުނެފައެވެ.