އިސްރާއީލާއި ޣައްޒާގެ ހަމާސް ޖަމާއަތާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ހުއްޓާލަން ގޮވާލަން އަލްޖީރިއާ އިން އދ ގެ ސަލާމަތީ މަޖިލީހަށް ހުށައަޅާފައިވާ ގަރާރަކަށް މި އަންނަ އަންގާރަ ދުވަހު ވޯޓުލާނެ ކަމަށް ރިޕޯޓުތައް ބުނާ އިރު، އެ ގަރާރު ވީޓޯ ކުރާނެ ކަމުގެ އިޝާރާތެއް އެމެރިކާ އިން ދީފިއެވެ.

އަލްޖީރިއާ އިން އެންމެ ފުރަތަމަ ގަރާރެއް ޑްރާފްޓް ކޮށް ހުށައަޅާފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. ނަމަވެސް ގަރާރުގެ ސަބަބުން ހަނގުރާމަ މެދު ކަނޑާލަން ކުރެވެމުންދާ “ނާޒުކު މަޝްވަރާތަކަށް” ހުރަސް އެޅިދާނެ ކަމަށް އެމެރިކާ އިން އދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް ވަނީ ވިދާޅުވެފައެވެ.

މިއަންނަ އަންގާރަ ދުވަހު އެ ގަރާރަށް ވޯޓަށް އަހަން އަލްޖީރިއާ އިން ވަނީ އިއްޔެ ކައުންސިލްގައި އެދިފައެވެ.

އދ ގެ ސަލާމަތީ މަޖިލީހުގައި ގަރާރެއް ފާސްކުރަން 15 މެމްބަރުންގެ ތެރެއިން މަދުވެގެން 9 މެމްބަރުންގެ ވޯޓު ބޭނުންވާ އިރު، އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް، ޗައިނާ އަދި ރަޝިއާ އިން ވީޓޯ ކޮށްގެން ނުވާނެއެވެ.

”މި ޑްރާފްޓް ގަރާރަށް އެެމެރިކާއިން ތާއީދެއް ނުކުރޭ. މި ގަރާރު މި އޮތް ގޮތަށް ވޯޓަކަށް އަތުވެއްޖެނަމަ، ފާހެއް ނުކުރެވޭނެ.” އެމެރިކާގެ ސަފީރު އިއްޔެ ވިދާޅުވެފައި ވެއެވެ.

އެމެރިކާ އިން އަބަދުވެސް އދ ގެ ގަރާރުތަކުންނާއި ފިޔަވަޅުތަކުން އިސްރާއީލު ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރެއެވެ. އެގޮތުން އޮކްޓޫބަރު 7 ވަނަ ދުވަހުގެ ފަހުން އެމެރިކާ އިން ވަނީ ހަނގުރާމަ ހުއްޓާލަން ގޮވާލާ ސަލާމަތީ މަޖިލީހުގެ ދެ ގަރާރު ވީޓޯ ކޮށްފައެވެ.

ހަނގުރާމަ މެދުކަނޑާލައި ރަހީނުން މިނިވަން ކުރަން އެއްބަސްވުމަކަށް އައުމަށް އެމެރިކާ، މިސްރު، އިސްރާއީލު އަދި ގަތަރު ގެ މެދުގައި ދަނީ މަޝްވަރާތަކެއް ކުރެވެމުންނެވެ. އެ މަޝްވަރާތަކަށް މާ ބޮޑު އަލިމަގެއް ފެނިފައި ނުވާ އިރު އިސްރާއީލުން މިހާރު ދަނީ 1 މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވެފައިވާ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން އެރުމަށް ތައްޔާރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޝީދު

    މިހާބަރަށް ދާއިރުވެސް މުސްލިމް އެހެން ޤައުމުތަކުގެ މުނާފިގުންނައް އެމެރިކާގެ މުބައި ނުލަފާކަން ނުވިސްނޭބާ.

    32
  2. Anonymous

    މިޤައުމުން އެމެރިކާއާވެސް އޮންނަ ގުޅުން ކުޑަކުރަންޖެހޭ އަދި ކުރިއަށް އޮތްތަނުގައި ޑިޕޮލެމެޓިކް ގުޅުންތައް ނުބާއްވަން މަސައްކަތް ކުރަންޖެހޭ.

    25
  3. ޢަބޫ ހަބޭސް

    ދިވެހި ސަރުކާރުން އެއް އަތުން ފަލަސްތީނަށް އެހީ ދޭއިރު އަނެއް އަތުން ޤާތިލު އެމެރިކާއާއި ގުޅުން ރަގަޅު ކުރުމަށް މަސައްކަތް ކުރުމަކީ އުންމަތަށް ޚިޔާނާތްތެރިވުން ނޫން ދެން ކޮންކަމެއް؟
    އަދިވެސް މުސްލިމުން ހޭނާރަނީތަ؟އެމެރިކާގެ ނިޔަތާއި މަޤްސަދު ނޭގެނީތަ؟

    23
  4. Anonymous

    އެމެރިކާ ވަނީ ދުނިޔޭގެ ހުރިހާ ގައުމަކައް އަތްގަދަ ކޮއްފަ ، އަދި ހާއްސަކޮއް އިސްލާމް ގައުމުތައް.

    19