ޣައްޒާގެ ހުޅަނގުދެކުނުގައި އެހީގެ ޓްރަކުތަކުގެ އިންތިޒާރުގައި އެއްވެފައި ތިބި އެތައް ސަތޭކަ ބައެއްގެ ތެރެއަށް ނިރުބަވެރި އިސްރާއީލުން ހަމަލާދީ ހިންގި ގަތުލު އާންމު ފަލަސްތީނުގެ ލީޑަރުންނާއި އަވަށްޓެރި ގައުމުތަކުން ކުށްވެރި ކޮށްފިއެވެ.

އެހީ ހޯދަން ދިޔަ ގިނަ އަދަދެއްގެ ބައެއްގެ ތެރެއަށް ޓޭންކަރުތަކުންނާއި މަތިންދާބޯޓުތަކުން ވެސް ބަޑި ޖަހައި 100އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ އެ ހަމަލާތަކަކީ އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގި ހުތުރު ގަތުލުއާންމެއް ކަމަށް ފަލަސްތީނުގެ އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސްގެ އޮފީހުން ބުނެފައި ވެއެވެ.

ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ހަމަލާތަކުގައި މަދުވެގެން 112 މީހުން ޝަހީދުވެ 750 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ރައްކާތެރިކަން ލިބޭނެ ހަމައެކަނި ގޮތަކީ ހަނގުރާމަ ހުއްޓާލުން ކަމަށާއި އެކަމަށް އެހީތެރިވުމަށް އެ ވުޒާރާއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

"ފުރާނަ އަތްމައްޗަށް ލައިގެން ދިޔަ، މިހާ ގިނަ އަދަދެއްގެ އާންމުން ޝަހީދުކޮށްލުމަކީ އަހަރެމެންގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ ސަރުކާރުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލު އާންމުގެ ބައެއް." އައްބާސްގެ އޮފީހުން ބުނެފައިވެއެވެ.

"މި ހާދިސާގައި ޒިންމާވަނީ އިސްރާއީލުގެ އިދާރާތަކުން އަދި ބައިނަލްއަގުވާމީ ކޯޓުތަކުގައި އެމީހުން ޒިންމާދާރު ކުރުވޭނެ." އެ އޮފީހުން އިތުރަށް ބުނެފައިވެއެވެ.

އިއްޔެގެ އެ ހާދިސާ ބައިނަލް އަގުވާމީ މުޖުތަމައުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި މިސްރު، އުރުދުން، އަދި ސައުދީ އަރަބިއްޔާ ހިމެނެއެވެ.

ހަމާސްއިން ބުނެފައި ވަނީ އެ ހަމަލާއަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޒައިނިސްޓުން ހިންގަމުންދާ ދިގު ސިލްސިލާ ގަތުލުއާންމުތަކުގެ ތެރެއަށް އިތުރުވި ގަތުލުއާންމެއް ކަމަށެވެ. އަދި ހަނގުރާމައިގެ ޖަރީމާތަކުގެ ތާރީހުގައި ވެސް އެފަދަ ޖަރީމާއެއް ހިންގާފައި ނުވާނެ ކަމަށާއި، އެއީ އިސްރާއީލުން ޣައްޒާގައި ކުރަމުންދާ "ބަނޑުހައިހޫނުކަމުގެ ހަނގުރާމައިގެ" ބައެއް ކަމަށްވެސް ހަމާސްއިން ބުނެފައިވެއެވެ.

އިސްރާއީލުގެ މިފަދަ ލޭއޮހޮރުވުންތައް ހުއްޓުވުމަށާއި، ފަލަސްތީނުގެ ނަސްލު ނައްތާލަން ހިންގާ ގަތުލުއާންމު ހުއްޓުވުމަށާއި، ޣައްޒާގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުވުމަށް ނިންމުންތައް ނިންމުމަށް ހަމާސްއިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހަށާއި އަރަބި ދައުލަތްތަކަށް ގޮވާލާފައެވެ.

ހަމާސް އިން އިތުރަށް ބުނެފައި ވަނީ ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމުގައި ޒިންމާވާން ޖެހޭނީ އިސްރާއީލާއި، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ކަމަށެވެ.

އިއްޔެ ހަމަލާއަށް ފަހު އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ބަޑިޖެހީ އެއްވެފައި ތިބި މީހުންގެ ކޮންޓްރޯލު ކުރަން ކަމަށާއި އެއްވެފައި ތިބި ޣައްޒާގެ ރައްޔިތުން އެހީގެ ޓްރަކުތަކަށް އަރައިގަތީ ކަމަށެވެ. އަދި އެ ޓްރަކްތަކުގެ ދަށުވެގެންވެސް އެތައް ބަޔަކު ޝަހީދުވި ކަމަށް އޭނާ ބުންޏެވެ.

އެ ހާދިސާ ކައިރިން ފެނިފައިވާ ފަލަސްތީނުގެ ލިޔުންތެރިއެއް ކަމަށްވާ ޔުސްރީ އަލް ގޫލް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިސްރާއީލުން އަބަދުވެސް އުޅެނީ އެމީހުންގެ ޕްރޮޕެގެންޑާތައް ފަތުރަން ކަމަށާއި ހެދީ ދޮގު ކަމަށެވެ.

"އެމީހުން އަބަދުވެސް ދައްކާނީ އެމީހުންގެ ޕްރޮޕެގެންޑާތަކުގެ ވާހަކަ. އަހަރެމެންނާ ދިމާލަށް ހަޅޭލަވާ ހަޑިހުތުރު އެއްޗެހި ކިޔާ އަޑު އަހަރެން އެހިން، އެތަނުގައި ކުޑަކުދިންވެސް ތިބި. އެމީހުން ބުނަމުންދިޔަ އަހަރެމެން ކޮންމެ ދުވަހަކު ކަލޭމެން މަރާނަމޭ." އޭނާ ބުނެފައި ވެއެވެ.

"އެކަން ހިނގާފައިވަނީ މީހުން ގިނަވެގެން ކަމަށްވާނަމަ، މީހުންގެ ކަކުލާއި އުޅަބޮއްޓަށް ހަމަލާ އަމާޒުވެފައިވަނީ ކީއްވެ؟ އިސްރާއީލުގެ ޓޭންކުތަކުން ފަލަސްތީނުގެ އާންމުން އަމާޒަކަށް ހެދީ ކީއްވެ؟" އޭނާ ސުވާލުއުފެއްދިއެވެ.

އެމެރިކާގެ ވައިޓްހައުސް އިން ބުނެފައިވަނީ އެއީ "ސީރިއަސް ހާދިސާ"އެއް ކަމަށާއި، އެކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް ފަހުން ބައިޑަން ވިދާޅުވެފައިވަނީ ކަން ހިނގައިދިޔަ ގޮތާއި މެދު ވާހަކަ ދެކެވެމުންދާ "ދެ ގޮތެއް" އެމެރިކާއިން ބަލަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޣައްޒާގެ ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކަށް އައުމަށް ކުރެވެމުންދާ މަޝްވަރާތަކަށް ހުރަސްތަކެއް އެޅިގެންދާނެ ކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

އދ.ގެ އެހީއާ ބެހޭ ކަންތައްތަކުގެ ވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވެފައިވަނީ އެ ހާދިސާގެ ސަބަބުން ހައިރާންވެފައިވާ ކަމަށެވެ.

"ފަސް މަސްދުވަހުގެ އަނިޔާވެރި ހަމަލާތަކަށް ފަހުގައިވެސް ޣައްޒާގައި އަދިވެސް އަހަރެމެން ހައިރާންވާ ކަންތައްތައް އެބަ ހިންގާ. ޣައްޒާގެ ދިރުން ގެއްލެމުންދަނީ ބިރުވެރި ސްޕީޑެއްގައި." އޭނާ ވިދާޅުވެފައި ވެއެވެ.