ފަލަސްތީނުގެ ޣައްޒާގައި ކާބޯތަކެތި ނުލިބި ބަނޑުހައިހޫނު ކަމުގެ ސަބަބުން ޝަހީދުވި ކުޑަކުދިންގެ އަދަދު 10 އަކަށް އަރައިފި އެވެ.

މި ހިތާމަވެރި ހަބަރު އެންމެ ފުރަތަމަ އާންމު ކޮށްފައިވަނީ ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާ އިންނެވެ. އދ ގެ އޮފީސް ފޮ ހިއުމަނިޓޭރިއަން އެފެއާސް (އޮކާ) އިން ފަލަސްތީނުގެ ސިއްހީ އިދާރާ އާއި ހަވާލާދީ ބުނެފައިވަނީ މިހާރު ޣައްޒާގައކ ބަނޑުހައިހޫނު ކަމުގެ ސަބަބުން މަދުވެގެން 10 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމިއަރ ބުނެފައިވަނީ މިއީ އަދި ރަސްމީ ގޮތުން ރިޕޯޓުކުރެވި ކަށަވަރު ކުރެވިފައިވާ އަދަދު ކަމަށްވާ އިރު، ހަގީގީ އަދަދު މިއަށްވުރެ މާ ބޮޑަށް އިތުރުވާނެ ކަމަށެވެ.

އިސްރާއީލުން ދަނީ ޣައްޒާ އަށް އެހީ ވައްދަން ހުރަސް އަޅަައި، އެހީ ހޯދަން ދާ މީހުންނަށްވެސް ހަމަލާ ދެމުންނެވެ.

އިސްރާއީލުން ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން ހުކުރު ދުވަހުގެ މެންދުރާއި ދޭތެރޭގައި ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކުގައި 193 މީހުން ޝަހީދުކޮށްލާފައިވާ އިރު 920 މީހުން ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވާކަމަށްވެސް އޮކާ އިން ވަނީ ބުނެފައެވެ.

އޭގެ ތެރެއިން ގިނަ މީހުންނަކީ ޣައްޒާ ސިޓީގައި އެހީގެ ޓްރަކުތައް ކައިރިއަށް އެހީ ހޯދުމަށް އެއްވި މީހުންތަކުގެ ތެރެއަށް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި ޒަހަމްވީ މީހުންނެވެ.

އދ ގެ އެ އިދާރާއިން ބުނެފައިވަނީ އެހީ ހޯދުމަށްޓަކައި ދިޔަ ކުށެެއް ނެތް އާންމު ރައްޔިތުންގެ ފަރާތުން އިސްރާއީލަށް ކުރިމަތިވާނެ އެއްވެސް ނުރައްކަލެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، ގަސްތުގައި އެއްވެސް ހަތިޔާރެެއް ނެތް ބަޔެއްގެ ގަޔަށް ބަޑި ޖަހައި ހަމަލާ ދިނުމަކީ އަނިޔާވެރި އަދި އެހާމެ ފިނޑި އަމަލެއް ކަމަށެވެ.

އިސްރާއީލުން ހިންގި މި ފިނޑި އަނިޔާވެރި އަމަލު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މިހާރު ކުށްވެރިކޮށްފައިވާ ކަމަށާއި، މިނިވަން ފަރާތެއް ލައްވާ އެ ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ވަރަށް ގިނަ ގައުމުތަކުން އެދެމުންދާ ކަމަށް ވެސް އދ ގެ އޮފީސް ފޯ ހިއުމަނިޓޭރިއަން އެފެއާސް އިން ވަނީ ބުނެފައެވެ.