ހިތާމައިން ފުރިގެންވާ އަޑަކުން ފޮޓޯގްރާފަރު ހުސައިން ޖަބެރު އަލްޖަޒީރާއަށް ކިޔައިދީފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ޣައްޒާ ސިޓީއަށް ދިން ހަމަލާތަކުގައި އާއިލާއާއެކު ފިލަން އުޅުމުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާއިން އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅު ސަލްމާ އޭނާގެ ކުރިމަތީގައި ޝަހީދުކޮށްލި ގޮތުގެ ވާހަކައެވެ.

ދަ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮ ޕަލެސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ)އާ ގުޅިގެން މަސައްކަތް ކުރާ ފޮޓޯގްރާފަރު ބުނީ އިސްރާއީލުން އެމީހުން ހުސްކުރުމުގެ އަމުރާ ގުޅިގެން ޣައްޒާގެ ހުޅަނގަށް ގެންދިއުމަށް އާއިލާ އިން ހިޔާވަހިކަން ދެމުން ދިޔަ އިމާރާތަށް ދިޔަ ކަމަށެވެ.

"އެމީހުން މަގު ހުރަސްކުރާނެ އިރެއްގެ އިންތިޒާރުގައި އަހަރެން ޕާކްކުރި ކާރު ކައިރީގައި ހުރި މަގުގެ އަނެއް ފަރާތުގައި ހުރީ، ހުއްޓާ ސަލްމާއާއި އޭނާގެ ދައްތަ ސާރާ ދުވެފައި އަހަރެންނާއި ދިމާލަށް ހިނގައިގަތުމުން ކުއްލިއަކަށް ވަރުގަދަ ބަޑީގެ ހަމަލާތަކެއް ދޭން ފެށީ، ލޯ ކުރިމަތީގައި ސަލްމާގެ ކަރަށް ވަޒަން އެރި މަންޒަރު އަހަރެންނަށް ފެނުނު.". އޭނާ ބުނެފައި ވެއެވެ.

އެ ހާދިސާގައި ސަލްމާ ޝަހީދުވިއިރު، އޭނާގެ ނުވަ އަހަރުގެ ދައްތަ ސާރާ ވަނީ ސަަލާމަތް ވެފައެވެ. އޭނާއަށް އަމާޒުވި ވަޒަން އެރީ ލައިގެން ހުރި ޖެކެޓަށެވެ.

ހުސައިން ޖަބެރު ބުނީ ނިރުބަވެރިންގެ ހަމަލާގައި ދައްތަ ޝަހީދުކޮށްލީ ކީއްވެތޯ އޭނާގެ ތިން އަހަރުގެ ދަރިފުޅު، އޮމަރް އެތައް ފަހަރަކު އަހާފައިވާ ކަމަށެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަަލާތަކުގައި 30،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.