23:42

ލުބުނާންގައި ހަރަކާތްތެރި ވަމުން އަންނަ ހަނގުރާމަމަތީ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން އިސްރާއީލުގެ އަމާޒުތަކަށް ހަމަލާތަކެއް ދީފައިވާނެ ކަމަށް އެ ޖަމާއަތުން ބުނެފި.

23:40

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި. ނަތަންޔާހޫ ވަނީ ހަނގުރާމައިގެ އެންމެ ފަހުގެ އަޕްޑޭޓް ވަނީ ދީފައި. ދެ ފަރާތުން ވެސް ވަނީ އަސީރުން ދޫކުރުމާ ގުޅޭ ގޮތުންނާއި އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި.

 

22:25

ލުބުނާންގެ ހިޒްބުﷲ އިން ބުނެފައި ވަނީ އިސްރާއީލްގެ އަސްކަރިއްޔާ އަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާނެ ކަމަށް.

 

22:24

ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި ޣައްޒާގައި ބަނޑުހައި ހޫނުކަމުގައި 21 ކުޑަކުއްޖަކު ވަނީ މިހާތަނަށް އައިއިރު ޝަހީދުވެފައި. އެކަމަކު، މި އަދަދު މިހާރު އެއަށް ވުރެ އިތުރު ވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ލަފާ ކުރަމުން.

22:21

ހާން ޔޫނުސްގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީ ބަޔަކު ޒަހަމްކޮށްލައިފި. މިހާތަނަށް އައިއިރު އެކަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.

21:52

ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެމެރިކާ އިން ވައިގެ މަގުން އެހީގެ ޕާރުސަލް ތަކެއް ޣައްޒާ އަށް ފޯރުކޮށްދީފި.

20:27

ޣައްޒާ މުސްލިމުން ރޯދަ ވީއްލަން ކާނެ ކާއެއްޗެއް ވެސް ނުލިބި

 

20:12

ނިރުބަވެރިންގެ އަނިޔާވެރިކަމުން ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުން އަންނަ ކުއްޖެއްގެ ހަށިގަނޑު

19:40

ޣައްޒާގައި ބަނޑުހައި ހޫނުކަމުގެ ސަބަބުން ޝަހީދުވި 2 ކުދިން

 

19:38

ޣައްޒާގެ ހުރިހާ ރައްޔިތުން ވެސް ތިބީ މިހާރު ކުރިއަށްދާ ރަމަޟާން މަހުގައި މިސްކިތްތަކަށް ދިއުމަށް ހިތުގައި ބިރު އުފެދިފައި ކަމަށް ރަފާހުގެ ބައެއް ޓީޗަރުން ބުނެފި.

19:28

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ ގެއަކަށް ހަމަލާދީ 19 މީހަކު ޝަހީދު ކޮށްލައިފި

 

17:48

ގޮތް ނޭނގޭ ދެ ޑްރޯނެއް އިސްރާއީލުން ހިފާފައިވާ ގޯލާން ހެއިޓްސް އަށް ވެއްޓިއްޖެ. އެ ހާދިސާގައި މީހަކަށް އަދި ތަނަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ނުލިބޭ.

16:37

ފަލަސްތީނުގެ ޣައްޒާގައި ބަނޑުހައިހޫނުކަމާ ހުރެ، އިތުރު ދެ ކުޑަކުއްޖަކު ޝަހީދުވެއްޖެ.

16:23

އިސްރާއީލްއެކޭ އެއްގޮތަށް ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ވެސް ވަނީ އިސްރާއީލް ސިފައިންގެ އަމާޒުތަކަށް ހަމަލާ ދީފައިވާ ކަން ކަށަވަރުކޮށްދީފައި.

16:22

ލުބުނާންގެ މީޑިއާ އިން ރިޕޯޓު ކުރާ ގޮތުގައި އިސްރާއީލުން ވަނީ ލުބުނާންގެ ދެކުނުގެ ސަރަހައްދަށް ވައިގެ މަގުން ހަމަލާ ދީފައި.

16:22

ހާން ޔޫނުސްގައި ތިބި ހަމާސްގެ މުޖާހިދުންތަކެއް ޝަހީދުކޮށްލައި، ބިމު އަޑީގެ ބިންގަރާސްތަކެއް ހޯދާފައިވާ ކަމަށް އިސްރާއީލުން ބުނެފި. އިސްރާއީލުން ބުނީ އެ ތަނުން އެއް ބިންގަރާހަށް ވަދެގެން ދިޔަ އިރު ހަތިޔާރާއި ކާބޯތަކެތި ފެނިފައިވާ ކަމަށް. އަދި އެހެން ތަނަކުން ބިންގަރާސްތައް އުފައްދަން ބޭނުން ކުރާ ސާމާނުތައް ހުރި ފެކްޓަރީއެއް ފެނިފައިވާ ކަމަށް ވެސް ބުނެފައިވޭ.

14:43

އިސްރާއީލުުގެ އުތުރުގެ ބައެއް ހިސާބުތަކަަށް މަތިންދާބޯޓުތައް ވަދެދާނެ ކަމުގެ އިންޒާރުގެ ސައިރަންގެ އަޑު އިވިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި.

އިސްރާއީލުުގެ އަސްކަރިއްޔާ އާއި ލުބުނާނުގެ ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން ދަނީ ހަނގުރާމަ ފެށުނީއްސުރެ ބޯޑަރު ހުރަސްކޮށް އާންމުކޮށް ބަޑީގެ ހަމަލާތައް ބަދަލުކުރަމުން.

14:29

2024 ވަނަ އަހަރުގެ އޮސްކާ އެވޯޑްސްގައި ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް މަޝްހޫރު ތަރިންނާއި ފިލްމީ ތަރިން ގޮވާލައިފި

14:14

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ 67 މީހަކު ޝަހީދުކޮށްލައިފި

14:03

2024 ވަނަ އަހަރުގެ އެކަޑަމީ އެވޯޑްސްގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުށްވެރިކޮށް އިނގިރޭސިވިލާތުގެ ފިލްމް ޑައިރެކްޓަރު ޖޮނަތަން ގްލޭޒާ ތަގުރީރު ކޮށްފި

ކެލިފޯނިއާގެ ލޮސް އެންޖެލިސްގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމަކަށް ހޮވުނީ އޭނާ ޑައިރެކްޓް ކުރި ހޮލޮކޮސްޓް ޑްރާމާ، ދަ ޒޯން އޮފް އިންޓްރެސްޓް.

13:43

ޣައްޒާގެ މެދުތެރޭގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާ އެކު ސްނައިޕަރ ފަޔަރ އާއި ކުރިމަތިލުންތަކާއި ވައިގެ ހަމަލާތައް ދެމުން ގެންދާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

އެކްސްގައި އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދުވަހުގެ ތެރޭގައި 15 ހަނގުރާމަވެރިން ޝަހީދުކޮށްލާފައިވާ ކަމަށް.

12:59

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީގެ ސަބްރާ އަވަށުގެ ގެއަކަށް ބޮން އަޅާ 16 މީހުން ޝަހީދުކޮށްލައިފި.

މި ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނޭ.

ޝަޙީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން.

12:22

މި އަހަރު ފަލަަަސްތީނުގެ "އިތުރު އެތައް ހާސް" ރައްޔިތުން ހައްޔަރު ކުރުމަށް ތައްޔާރުވުމުގެ ގޮތުން އިސްރާއީލުގެ ޖަލު ތަކުގައި ޖާގަ ހެދުމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ޑިފެންސް މިނިސްޓަރާއި، ގައުމީ ސަލާމަތާއި ބެހޭ މިނިސްޓަރާއި ފިނޭންސް މިނިސްޓަރަށް އަމުރު ކޮށްފި

11:50

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ)ގެ ވެރިޔާ މިރްޖަނާ ސްޕޮލްޖަރިކް އާދީއްތަ ދުވަހު ގަތަރުގައި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއީލް ހަނިއްޔާއާ ބައްދަލުކުރައްވާފައިވާ ކަމަށް އިންސާނީ އެހީދޭ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފި.

އައިސީއާރްސީން އިތުރަށް ބުނީ މި ދަތުރުފުޅުގައި ސްޕޮލްޖަރިކް ގަތަރު ސަރުކާރުގެ އޮފިޝަލުންނާ ވަކިވަކިން ބައްދަލުކޮށް މަޝްވަރާތަކުގައި ބައިވެރިނުވި ނަމަވެސް "ކޮންމެ އެއްބަސްވުމެއްގެ އިންސާނީ ކަންކަން ތަންފީޒު ކުރުމަށް މަގުފަހިކޮށްދިނުމަށް" ތައްޔާރަށް އޮތް ކަމަށް.

11:49

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ތުލްކަރޭމްގެ އިތުރުން ނޫރު ޝާމްސް ރެފިއުޖީ ކޭމްޕަށް ވަދެ، ފަލަސްތީނާ އެކު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރޭގައި އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލައިފި.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނި ގޮތުގައި ތުލްކަރޭމަށް ހަމަލާދީފައި ވަނީ އެ ހިސާބުގެ ބައެއް މަގުތަކުގައި 25 އަށް ވުރެ ގިނަ ވެހިކަލާއި ހަތަރު ބުލްޑޯޒަރު ހަރަކާތްތެރިވަމުން ދަނިކޮށް.

11:47

އދގެ ބައިނަލްއަގުވާމީ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އިސްތިއުފާ ދެއްވުމަށް އިސްރާއީލުން އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު ގޮވާލައިފި.

އިސްރާއީލިހެ އަސްކަރިއްޔާގެ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ގިލާޑް އެރްދާން ބުނީ އޭނާގެ ނުވަދިހަ އިންސައްތަ ވަގުތު ހުރީ ޣައްޒާގެ އިންސާނީ ހާލަތާ އެކުގައި ކަމަށް.

10:52

އިސްރާއީލު ސިފައިން ޣައްޒާ ސިޓީއާއި ވަށައިގެންވާ ސަރަހައްދަށް ވައިގެ ހަމަލާތަކެއް ދޭން ފެށުމުން ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާ ކަމަަށް ވަފާ ނޫސް އެޖެންސީން ބުނެފި.

އެ އެޖެންސީން ބުނީ ޒީތޫން އަވަށަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު ޝަހީދުވެފައި އިރު، އަލްސަބްރާ އަވަށަށް ދިން ހަމަލާގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް.

ވަފާ އިން ބުނީ އިސްރާއީލު ސިފައިން ދެކުނުގެ ޚާން ޔުނިސް ސިޓީގައިވެސް ބޮން ގޮއްވާލާފައިވާ ކަމަށް.

މީގެ ކުރިން އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ގެނެސްދިނީ ރަފާއަށާއި ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ޙަމަލާތަކުގެ ޚަބަރެވެ.

09:53

ޣައްޒާއަށް 200 ޓަނުގެ ކާބޯތަކެތީގެ އެހީ ހިފައިގެން ދަތުރުކުރި އުޅަނދެއް ސައިޕްރަސްގައި ބަނދަރުކޮށްފައި ވަނީ "ޓެކްނިކަލް މައްސަލަތަކެއް" ދިމާވެގެން ކަމަށް ސައިޕްރަސް ރޭޑިއޯ (އާރްއައިސީ) އިން ބުނެފި.

އިއްޔެގެ މެންދުރު ފަހު ލާރްނާކާ ބަނދަރުން ފުރާނެ ކަމަށް ބެލެވޭ އޯޕަން އާމްސް އުޅަނދު މިއަދު ހެނދުނާ ހަމައަށް ނުފުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އާރްއައިސީއިން ބުނޭ.

އުޅަނދު ފުރުމާއެކު އެ އުޅަނދުގެ ދަތުރަށް ދެ ދުވަސް ނަގާނެ ކަމަށް ބެލެވޭ.

09:52

އިސްރާއީލުން ރަފާހްއަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ.

09:52

ފަލަސްތީނަށް ރޯދަ މަސް އައިއިރު ޣައްޒާގެ ހާލަތު ބުނެދޭންވެސް ނޭނގެ.

ފޮޓޯ: އޭއެފްޕީ
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ގެޓީ އިމޭޖްސް
ފޮަޓޯ: ގެޓީ އިމޭޖްސް

09:34

މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅު ކަމަށްވާ ގުދުސްގެ އޯލްޑް ސިޓީގައި ހުންނަ އަލް އަގްސާ މިސްކިތަށް ފަލަސްތީނުގެ މުސްލިމުން ވަނުމަށް ނިރުބަވެރިން އިސްރާއީލުން ހުރަސް އަޅައިފި.

09:06

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން މުސްލިމުންނާ ދެކޮޅު ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، މުސްލިމް މުޖުތަމައުތައް ހިމާޔަތް ކުރުމަށް އިނގިރޭސި ސަރުކާރުން 117 މިލިއަން ޕައުންޑް (150 މިލިއަން ޑޮލަރު) ދޭން ނިންމައިފި.

09:05

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ރަމަޟާން މަހު ރޯދަ މަސް ފާހަގަކުރަން ފެށުމުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ހިތްދަތިކަމާއި މެދު ވިސްނޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ.

އޭނާ ވިދާޅުވީ ޣައްޒާއަށް އިންސާނީ އެހީތެރިކަން އިތުރު ކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށާއި ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި މީހުން ދޫކޮށްލުމުގެ އެއްބަސްވުމުގެ ދަށުން މަދުވެގެން ހަ ހަފުތާވަންދެން ވަގުތުން އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށް.

09:04

އިސްރާއީލު ސިފައިން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީއަށާއި އެންކްލޭވްގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕަށް ހަމަލާތައް ދީފި.

09:03

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާއިރު، ވަށާލާފައިވާ އެންކްލޭވްއަށް ވައިގެ މަގުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާއާއި އީޔޫއިން ވަނީ ރާވާފައި.

އެމެރިކާއިން ވަނީ ޣައްޒާގެ އައްސޭރިފަށުގައި އިތުރު އެހީފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް އިތުރު ކަންކަން ކުރުމަށް ނިންމާފައި.

09:02

ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި އިސްރާއީލުގެ ބޮމުގެ ސަބަބުން އެމީހުންގެ ސަލާމަތަށް އަބަދުވެސް ނުރައްކަލެއް ކުރިމަތިވެފައިވީ ނަމަވެސް ޣައްޒާގެ ކުޑަކުދިން އަދިވެސް މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަހާއި ބައްދަލު ކޮށްފި.

ޣައްޒާގައި މިއަހަރުގެ ރަމަޟާން މަހަކީ "އެހެން އަހަރުތަކުގައި ނުވަތަ ދުނިޔޭގެ އެހެން ތަނެއްގައި ވެސް ރަމަޟާން މަހާ ޚިލާފަށް" ކަމަށާއި، ވަށާލާފައިވާ އެންކްލޭވްގައި ދިރިއުޅުމުގެ ހުރިހާ ކަމެއް ހަލާކުވެފައިވާއިރު، އޭގެ ތެރޭގައި އެތައް މިސްކިތްތަކެއް ހިމެނޭ ކަމަށް ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ބުނޭ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް 12،300 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ.

08:59

ޣައްޒާ ސިޓީގެ ތަލް އަލް ހައްވާ އަވަށުގައި ހުންނަ އަޝޫރު އާއިލާއަށް ނިސްބަތްވާ ގެއަކަށް އިސްރާއީލު ސިފައިން ބޮން ގޮއްވާލައި 10 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފި.

ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ އިރު ޒަހަމްވި މީހުން މިހާރު ވަނީ ކައިރީގައި ހުރި އަލް ޝިފާ ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށް ވަފާ ނޫހުން ބުނޭ.

08:58

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ތެރޭގައި މަދުވެގެން 13،000 ހަމާސްގެ މީހުން ހިމެނޭ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި.

08:57

ޣައްޒާގައި ހަފުތާތަކެއް ވަންދެން ހަނގުރާމަތައް ހިނގަމުންދާ ބައެއް ތަންތަނުގައި އަދިވެސް ކޮންމެ ދުވަހަކު ވެސް ވަރުގަދަ ހަނގުރާމަތައް ހިނގަމުންދާ ކަަމަށް ކްރިޓިކަލް ތްރެޓްސް ޕްރޮޖެކްޓް (ސީޓީޕީ)ގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފި.

 

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތައް އަދިވެސް ހުއްޓުމަކަށް ނާދެއެވެ. މި ހަމަލާތައް ކުރިއަށްގެންދާތާ މިހާރު 156 ދުވަސް ވެފައިވާއިރު، މުޅި ޣައްޒާއަށް ވެރިފައި ވަނީ ބިރުވެރިކަމާއި ނާމާން ކަމެވެ. ބަރަކާތްތެރި ރަމަޟާން މަސް ބައްދަލު ކުރިއިރު، ހައިހޫނުކަމުގައި އެތައް ހާސް ބަޔަކު ޣައްޒާގައި ދަނީ ދިރިއުޅެމުންނެވެ.

ޣައްޒާގެ ހާލަތު ބަޔާން ކުރަން ދަތިހާ ގޯސްއިރު، ރޯދަ މަސް ފެށުނުއިރުވެސް ހަމަލާތައް ހުއްޓިދާނެ ކަމުގެ ނިޝާނެއް އެއްވެސް ވަރަަކަށް ފެންނަން ނެތެވެ.

ޣައްޒާގެ ހާލަތު ފެނިފައި ގިނަބަޔަކަށް ކުރިމަތިވެފައި ވަނީ ހިތާމައެވެ. އެތައް ބައެއްގެ ލޮލުން ކަރުނަ އަންނަ ވަރު ވެއެވެ. މުސްލިމް އެތައް ގައުމަކުން އެދެމުން ދަނީ މި ހަނގުރާމަ އެއްކޮށް ހުއްޓާލުމަށެވެ.

ރަމަޟާން މަސް ފެށުމާއެކު ޣައްޒާގެ ހުރިހާ ތަނެއްގައި ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ކަމަށް އދގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އިން ބުނެފައިވާއިރު، ރޯދަ މަހާ ދިމާކޮށް "ވަގުތުން ހަނގުރާމަ ހުއްޓާލުމަށް" އެ އެެޖެންސީން ދަނީ ގޮވާލަމުންނެވެ.

މިލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާއާއި އިސްރާއީލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމް

    ގައްޒާގެ ރައްޔިތުން ކޮންމެ ހާލެއްގަ ތިއްބަސް ބައެއް މީހުންގެ ކަމަކީ އިސްރާފު ކުރުން

    • އަޅާ

      މަދު ބަޔަކު ބާ؟
      މުޅި ރާއްޖެ ވަނީ ގައްޒާ އާ އެކު ކަން މުޅި ދުނިޔެއަށް ހާމަ ނުވޭތަ؟ ސަބަބު؟