އިންޑިއާ ކަނޑުގެ އިރުމަތީ ފަޅީގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ އިންޑިއާގެ ނިކޮބަރ އައިލޭންޑްސް އަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ ސަރަޙައްދާށް ބިންހެލުން އައިސްފައިވަނީ މެގްނިޓިއުޑް މިންގަނޑުން 5.2 ގެ ބާރުމިނުގައި ބިމުގެ 80 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީއެއްގެ އިންޒާރު ނެރެފައިނުވާއިރު، ބިންހެލުމުގައި އެއްވެސް ތަނަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބުނުކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ބިންހެލުމުގެ ލޮޅުންތައް އެ ސަރަޙައްދުގެ ބޮޑު ބަޔަކަށް އިހުސާސް ކުރެވިފައިވާކަމަށް ނޫސް އިދާރާތަކުން ބުނެއެވެ.

ނިކޮބަރ އައިލޭންޑް އޮންނަނީ އިރު-ދެކުނު އޭޝިއާ ސަރަޙައްދުގައި، އިންޑޮނޭޝިއާގެ ސުމަޓްރާގެ އުތުރުން 150 ކިލޯމީޓަރު ދުރުގައެވެ. މިއީ 2004 ވަނަ އަހަރު މެގްނިޓިއުޑް މިންގަނޑުން 9.1 ގެ ބާރުމިނުގައި ބިންހެލުން އައި ސުމަޓްރާ އާއި އެއް ފޯލްޓްލައިނެއްގައި ހިމެނޭ ރަށްތަކެކެވެ.

ނިކޮބަރ އައިލޭންޑްސްއަށް މިއަދު ބިންހެލުމެއް އައިސްފައިވަނީ އެ ސަރަޙައްދަށް ނިމުނު އޮގަސްޓުމަހުގެ ތެރޭގައިވެސް އެކި ފަހަރުމަތިން ބިންހެލުން އައިސްފައި ވަނިކޮށެވެ. މީގެ އިތުރުން މިދިޔަ ހަފްތާގައި އިންޑިއާގެ ދިއްލީއަށްވެސް ވަނީ ބިންހެލުމެއް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު