އިންޑިއާގެ ސިޔާސީ ލީޑަރު މުހުތާރު އަންސާރީ ޖަލުގައި ހުއްޓާ މަރުވެއްޖެއެވެ.

މުހުތާރު އަންސާރީއަކީ ގޭންގްސްޓާރެއްގެ ގޮތުގައި އުޅުމަށް ފަހު ސިޔާސީ ދާއިރާއަށް ނުކުތް ލީޑަރެކެވެ. 2005 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ސުހެލްދޭވް ބާރަތިއާ ސަމާޖް ޕާޓީ އަށް ނިސްބަތްވާ އަންސާރީއަކީ 1990ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ވަރަށް ނުފޫޒު ގަދަ ގޭންގްސްޓާރެކެވެ. 15 މީހަކު މަރާލި މައްސަލައިގެ ދައުވާތަކާ ގުޅިގެން އަންސާރީއަށް ވަނީ 60 އަށް ވުރެ ގިނަ ދައުވާ އުފުލާފައެވެ. އަދި 2022 ވަނަ އަހަރު އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވިއެވެ.

އުއްތަރު ޕްރަދޭޝްގެ ޖަލެއްގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަންގާރަ ދުވަހު އަންސާރީ ވަރަށް ބޮޑަށް ހޮޑުލައި، ހާލު ދެރަވެ، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ހާޓްއެޓޭކެއް ޖެހިގެންނެވެ. ރޭ 8:25 ގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި ފުލުހުންނާއި ހޮސްޕިޓަލުން ގުޅިގެން އަންސާރީ ގަސްތުގައި މަރާލީއެވެ.

ފަސް ދައުރެއްގެ މަތިން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކޮށްފައިވާ އަންސާރީގެ އުމަރަކީ 63 އަހަރެވެ. އޭނަގެ މަރާ ގުޅިގެން އާއިލާ އިން ވަނީ ފުލުހުންގެ މައްޗަށް ތުހުމަތުތަކެއްކޮށްފައެވެ. އެގޮތުން އަންސާރީ މަރައިލީ ކާނާ އަށް ވިހަލައިގެން ކަމަށް ތުހުމަތުކޮށް މައްސަލަ ކޯޓަށްވެސް ވަނީ ވައްދައިފައެވެ.

އަންސާރީގެ މަރާ ގުޅިގެން އިންއިއާ ހަލަބޮލިވެފައިވާތީ ފުލުހުން ދަނީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

އޭނަގެ ޕޯސްޓްމޯޓަމް މިއަދު ހަދަން ވަނީ ނިންމައިފައެވެ.

އަންސާރީ ސިޔާސީ ދާއިރާ އަށް އަށް ނުކުތީ 1996 ގައެވެ.

ކިޔުންތެރިންގެ ހިޔާލު