އިސްރާއީލުގެ ނިރުބަވެރިންގެ ހަމަލާތައް ފެށިގެން އައީ މިދިޔަ އަހަރު އޮކްޓޯބަރ 7 ވަނަ ދުވަހުގައެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާއެއްގެ ބަދަލުގައި އަމިއްލަ ދިފާއުގައި ކަމަށް ބުނެ އިސްރާއީލުން ފެށި ހަނގުރާމައަށް 177 ދުވަސްވީ އިރު މިހާތަނަށް ފަލަސްތީނުގެ 32،782 މީހުން ޝަހީދުވެފައިވާއިރު 75،298 މީހުން ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މި އަދަދާ އަޅާބަލާއިރު އިސްރާއީލުން މަރުވީ 1،139 މީހުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާގޮތުން ޣައްޒާގައި ކުއްލި ހާލަތުގައި ފަރުވާއަށް ބޭނުންވާ 9000 ބަލި މީހުން އެބަތިއްބެވެ.

އޭގެތެރޭގައި ކެންސަރަށް ފަރުވާކުރާ މީހުންނާއި، ކިޑްނީ ބަލި އަދި އެ ނޫން ވެސް ސީރިއަސް ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ހިމެނެއެވެ. ޑަބްލިޔުއެޗްއޯގެ ރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނާގޮތުން މުޅި ޣައްޒާގައި ވެސް މި ވަގުތު މަސައްކަތްކުރާ ހުރީ އެންމެ 10 ހޮސްޕިޓަލެވެ. އެހެންކަމުން އެތައް ހާސް ބަޔަކު ތިބީ ސިއްހީ ފަރުވާއިން މަހުރޫމް ވެފައެވެ.

އަލް އަހްލީ ހޮސްޕިޓަލަސް ދިން ހަމަލާގައި ޒަހަމްވީ މީހަކު ޝިފާ ހޮސްޕިޓަލަށް ގެނެސްފައި —— ފޮޓޯ: އޭޕީ

އެއްގަމު މަގުން އެހީ ފޯރުކޮށްދޭން އެތައް ހާސް ލޮރީއެއް ބޯޑަރުގެ ބޭރުގައި މިވަގުތުވެސް އެބައޮތެވެ. ނަމަވެސް އެހީ ފޯރުކޮށްދޭ ލޮރީތަކަށް އިޒުރޭލު ސިފައިން ހަމަލާދޭތީ ޣައްޒާއަށް އެހީފޯރުކޮށްދިނުން ވަނީ ދަތި ކަމަކަށް ވެފައެވެ. އެގޮތުން އިޒުރޭލުން ހުއްދަ ހޯދައިގެން އެހީ ފޯރުކޮށްދޭ މަސައްކަތްކުރާ ލޮރީތަކަށް ވެސް އިޒުރޭލުން ދަނީ ހަމަލާދީ އެހީ ހޯދަން ނުކުންނަ އާންމު ރައްޔިތުންނަށް ވެސް ހަމަލާދެމުންނެވެ. އެކި ޤައުމުތަކުން ޣައްޒާއަށް ފޮނުވާ އެހީ ހޯދަން ނުކުންނަ ރައްޔިތުން ވެސް ބަޑިޖަހާ މެރުމަށްފަހު ވަރަށް އިހާނެތި ގޮތްތައް ހަދައެވެ. އެއްގަމު މަގުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ. ވަކިން ހާއްސަކޮށް އަލްޝިފާ ހޮސްޕިޓަލަށެވެ. ޣައްޒާގައި ހުރި ގާތްގަޑަކަށް ހުރިހާ ހޮސްޕިޓަލަކީ އިސްރާއީލުގެ ހަމަލާތަކަށް ފިލަން ޣައްޒާގެ ގިނަ ބަޔަކު ގޮސް ތިބި ތަންތަނެވެ.

ޣައްޒާގެ މުޅި އާބާދީ މިއަދު ވަނީ ބަނޑަށް ޖައްސާފައެވެ. ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ކާނާވެސް ގިނަ އަދަދެއްގެ ބަޔަކަށް ނުލިބޭ އިރު, އެއްގަމު މަގުން ކާބޯތަކެތި ފޯރުކޮށްދިނުމަށް އިޒްރޭލުން ވަނީ ހުރަސް އަޅާފައެވެ. ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީއާއި ކާބޯތަކެތި ބަރުކޮށްފައިވާ ޓްރަކްތައް ރަފާ ދޮރާށި ދޮށުގައި އޮންނަތާ އެތައް މަހެއް ވެގެން ގޮސްފައި ވީ ނަމަވެސް އިސްރާއީލުން ބުނެފައި ވަނީ ހުއްދަ ނުދޭނެ ކަމަށެވެ.

ޣައްޒާ ގާތްގަނޑަކަށް މުޅިން ބްލޮކޭޑްކޮށްފައިވާއިރު، އެންޖީއޯތަކާއި އދ. އިން ތުހުމަތުކުރާ ގޮތުގައި ރަފާހު ބޯޑަރު ކައިރީ ދިރިއުޅޭ 2.4 މިލިޔަން މިލިޔަން މީހުން ތިބީ ހާލުގައި ޖެހި އިންސާނީ އެހީތެރި ކަމަށް ބޭނުންވެފައެވެ. ނަމަވެސް އިސްރާއީލު ސިފައިންގެ ސަބަބުން އެ ސަރަހައްދަށް އެއްވެސް ވަރަކަށް އެހީތެރިކަން ފޯރުކޮށް ނުދެވެއެވެ. އެހީ ހިފައިގެންދާ މީހުންނާއި ނޫސްވެރިން އެސަރަހައްދަށް ވަނަ ނުދީ ނިރުބަވެރިން ދަނީ ހުރަސްއަޅައި ނޫސްވެރިން ފަހަތަށް ޖައްސަމުންނެވެ.

ރަފާހުގެ ހާލަތަށް ބަލލާއިރު މިހާތަނަށް 3،400 އަށްވުރެ ގިނަ ބަލި މީހުން އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލްތަކަށް ގެންދަން ޖެހެއެވެ. އޭގެތެރޭގައި 2،198 މީހުންނަކީ އެކިއެކި ޒަޚަމްވެގެން ފަރުވާ ބޭނުންވާ މީހުންވެ. އަދި 1،215 މީހުންނަކީ އެހެނިހެން ބަލިތަކުގެ މީހުންނެވެ. މިފަދަ ފަރާތްތަކަށް ބޭނުންވާ އެހީ ހޯދުމަށް ހުރަސް ނޭޅުމަށް ގައުމުތަކުން ދަނީ ގޮވާލަމުންނެވެ. ހަނގުރާމައިގެ ކުރިން ދުވާލަކު 50 އާއި 100 އާއި ދެމެދުގެ އަދަދަކަށް ބަލިމީހުން އިރުމަތީ ގުދުސް ނުވަތަ ހިފާފައިވާ ހުޅަނގު އައްސޭރިއަށް ބަދަލުކޮށްފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ބަލިމީހުންނަކީ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ޤަރާރެއް ފާސް ކޮށްފައެވެ. އިސްރާއީލުގެ އެންމެ ޒަމާންވީ އެކުވެރިޔާ އަދި އިސްރާއީލާއި ދެކޮޅަށް ސަލާމަތީ މަޖިލީހަށް ހުށައެޅޭ ހުރިހާ ޤަރާރެއް ވީޓޯ ކުރާ އެމެރިކާއިން މި ވޯޓުގައި ވެސް ބައިވެރިވެފައެއް ނުވެއެވެ. ހަރުކަށި ފިކުރުގެ ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނަނީ ޣައްޒާގައި އިސްރާއީލުގެ ރައްޔިތުން އަސީރުންގެ ގޮތުގައި ތިބިހާ ހިނދަކު ހަމާސް އާއި ދެކޮޅަށް ހަމަލާތައް ދޭނެ ކަމަށާއި ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ނިޔަތެއް އިސްރާއީލުގެ ނެތް ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްރާއީލުގެ މި ގަތުލު އާންމާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާތައް ކުރަމުންދިޔަނަމަވެސް އިސްރާއީލުން ގޮތް ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. "ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލާ" މި ޝިއާރުގެ ދަށުން ފަލަސްތީނުގެ ބިމާ ބެހޭ 48 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އެކި ކަންކޮޅުތަކުގައި ހިނގާލާފައި ވާއިރު، އެ ހަރަކާތުގެ ބައިވެރިންގެ އަދަދު ގާތްގަނޑަކަށް 10،000 އަށް އަރާކަމަށް ވަފާ ނިއުސް އެޖެންސީން ބުނެއެވެ.

އިސްރާއީލުގެ ޒަމާނީ، އަގުބޮޑު އަދި ހަތިޔާރު ގިނަ އަސްކަރިއްޔާގެ ކުރިމަތީގައި ހަމާސް ޖަމާއަތުން ދަނީ އެއްވެސް ޖެހިލުމެއް ބިރެއް ނެތި ސާބިތުވެ ތިބެ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއާ ދެކޮޅަށް ވަރަށް ހިތްވަރާއި އެކީ ހަނގުރާމަ ކުރަމުންނެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ އަމާޒަކީ ހަމާސް ޖަމާއަތް ފަލަސްތީނުގެ ބިމުން އެއްކޮށް ނައްތާލުން ކަމަށް ވިޔަސް އެއީ ވާނޭ ކަމެއް ނޫން ކަމަށް ގިނަ އަސްކަރީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އަދި ޣައްޒާއަށް އެއްގަމު މަގުން އަރައި ހަނގުރާމަ ފެށުމުން އިސްރާއީލުގެ އަސްކަރިއްޔާއިން ގިނަ އަދަދެއްގެ ސިފައިން މަރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އަސްކަރީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.