21:53

ފަލަސްތީނުގެ ޣައްޒާގައި އެހީދިނުމުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާ އަށް ނިސްބަތްވާ ވޯލްޑް ސެންޓްރަލް ކިޗަންގެ މަސައްކަތްތެރިންނަށް އަމާޒުކޮށް ޔަހޫދީން ދިން އަނިޔާވެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި.

21:34

20:36

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޣައްޒާގެ އެހީއަށް މަސައްކަތްކުރާ ޕޮލެންޑް މީހަކު މަރުވުމާ ގުޅިގެން މަޝްވަރާ ކުރުމަށް އިސްރާއީލުގެ ސަފީރު ހާޒިރުކުރި ކަމަށް ޕޮލެންޑްގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ.

20:34

ޣައްޒާގައި ވޯލްޑް ސެންޓްރަލް ކިޗަންގެ ހަތް މަސައްކަތްތެރިން މާރަލި އިސްރާއީލުގެ ހަމަލާގެ ސަބަބުން އިސްރާއީލާއި ހަމާސް ހަނގުރާމަ ހުއްޓާލުމާއި، ގައިދީންނާއި ފަލަސްތީނުގެ ގައިދީން ދޫކޮށްލުމާ ގުޅޭ މަޝްވަރާތަކަށް ބުރޫ އަރާނެ ކަމަށް އެމެރިކާއިން އުންމީދު ނުކުރާ ކަމަށް ވައިޓް ހައުސް އިން ބުނެފި.

ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކިރްބީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް.

20:26

ނަތަންޔާހޫގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔާ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕިޑް ވަނީ އިސްރާއީލުގެ ނެސެޓްގައި މުޒާހަރާ ކުރަމުން ދިޔަ އިސްރާއީލު ގައިދީންގެ ގާތްތިމާގެ މީހުންނާ އެއްބައިވަންތަކަން ފާޅުކޮށް، އެމީހުންގެ މައްސަލަ ހައްލު ނުކުރާ ކަމަށް ބުނެފައި

20:24

ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ހާއްސަ މަންދޫބު ވިދާޅުވީ ޑިޕްލޮމެޓިކް ހައްލެއް ބޭނުންވާ ކަމަށް.

ޓިމް ލެންޑަކިންގް ވިދާޅުވީ ރަތް ކަނޑުގެ ވިޔަފާރީގެ ޓްރެފިކް ހިމާޔަތް ކުރުމަށް އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަންގެ ޕްރެޝަރުގެ ސަބަބުން ޔަމަނުގެ ހޫތީން އުޅަނދުތަކަށް ދޭ ހަމަލާތަކަށް ހިތްވަރު ލިބިދާނެ ކަމަށާއި ނަމަވެސް އެންމެ ފަހުން ޑިޕްލޮމެޓިކް ހައްލެއް ހޯދަން ޖެހޭނެ ކަމަށް.

20:23

ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލް ކައިރީގައި އިސްރާއީލުން ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެ، އެކަކު ޒަޚަމްވެއްޖެ ކަމަށް އަލްޖަޒީރާ އަރަބިކްއިން ބުނެފި

ވަފާ ނިއުސް އެޖެންސީން ބުނި ގޮތުގައި މި މީހުން ޝަހީދުވެފައި ވަނީ އެ ސިޓީގެ ގެތަކަށް ރޭގަނޑު ދިން ހަމަލާތަކުގައި. އެ ހަމަލާތަކުގައި ފަސް މީހުން މަރުވެ، 10 މީހުން ޒަހަމްވި.

20:01

ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުން އުފައްދާ ވަކި މިނިވަން ދައުލަތަކަށް ތާއީދު ކުރެވޭ ކަމަށް ޔޫރަޕުގެ ގައުމެއް ކަމަށްވާ ބެލްޖިއަމް އިން ބުނެފި

19:59

ޔަހޫދީންގެ ޣައިރު ޤާނޫނީ އަނިޔާވެރި ދައުލަތް އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކުގައި އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ވެސް ހަމަލާތައް އަމާޒުވަމުންދާތީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަންބޮޑުވުން ފާޅުކޮށްފި

17:42

ޔަހޫދީން އަދިވެސް މަސައްކަތް ކުރަމުންދަނީ އުތުރު ޣައްޒާ އަށް އެހީގެ ސާމާނުތައް ވެއްދުން މަނާކުރުމަށް ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އދ ގެ އެޖެންސީން ބުނެފި.

17:30

އިސްރާއީލުގެ ބޮޑުވަޒީރުގެ ގޭދޮށުގައި މުޒާހަރާ ކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި.

16:47

އަންގާރަ ދުވަހުގެ ހަވީރުން ފެށިގެން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ނޫސްވެރިޔަކާއި އެކު 30 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނެފި.

ވަފާއިން ބުނީ އެންމެ ގިނަ މީހުން ހައްޔަރުކޮށްފައިވަނީ ގުދުސް އާއި ރަމަالله ގަވަރުނަރޭޓްތަކުން ކަމަށާއި އަނެއް ބަޔަކު ހައްޔަރުކޮށްފައިވަނީ ހެބްރޮން، ބެތުލެހެމް، ތޫބާސް، ޖެނިން، ކަލްކިލިއާ އަދި ޖެރީކޯ ގަވަރުނަރޭޓްގައި ކަމަށް.

މި މީހުން ހައްޔަރުކުރުމުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޖަލަށްލާފައިވާ ފަލަސްތީނުގެ މީހުންގެ އަދަދު 7990 އަށް އަރާފައިވާ ކަމަށް ވަފާއިން ބުނޭ.

16:45

މިދިޔަ ހަފުތާގައި އިސްރާއީލާއި ލުބްނާން ބޯޑަރު ކައިރީގައި އދ.ގެ ސުލްހަ ބަލަހައްޓާ ތިން ސިފައިންނާއި އެ މީހުންގެ ޓްރާންސްލޭޓަރަށް ދިން ބޮމުގެ ހަމަލާގެ އަސްލަކީ ހިޒްބުالله ގެ އެކްސްޕްލޯސިވް އެއްޗެއް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

މިދިޔަ ހޮނިހިރު ދުވަހު ލުބްނާނުގައި ހުންނަ އދ.ގެ އިންޓަރިމް ފޯސް (ޔުނިފިލް) ގެ ޕެޓްރޯލް ކުރާ ސަރަހައްދެއްގެ ކައިރީގައި ގޮއްވާލި ބޮމުގެ ހަމަލާގެ ޒިންމާ އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މީގެ ކުރިން ނެގި ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އެކަން ވަރަށް އަވަހަށް ދޮގުކޮށްފައި

15:58

ޕޮލެންޑްގެ އެހީއަށް މަސައްކަތްކުރާ ޑޭމިއަން ސޮބޯލް ޣައްޒާގައި މަރާލި ގޮތް މިނިވަންކަމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށް ޑެޕިއުޓީ ޑިސްޓްރިކްޓް ޕްރޮސެކިއުޓާ ބިއާޓާ ސްޓާޒެކާ ޕޮލެންޑްގެ ޕީއޭޕީ ޕްރެސް އެޖެންސީއަށް ވިދާޅުވެއްޖެ.

އުމުރުން 35 އަހަރުގެ ސޮބޯލް އަކީ އިސްރާއީލާއި ޕޮލެންޑްގެ ގުޅުން "އުނދަގޫ އިމްތިހާނަކަށް" ވައްޓާލާފައިވާ ކަމަށް ޕޮލެންޑުގެ ބޮޑުވަޒީރު ވިދާޅުވި ހަމަލާއެއްގައި އިސްރާއީލުން އެ މީހުންގެ ގާފިލާއަށް ދިން ވައިގެ ހަމަލާތަކުގައި މަރުވި ހަތް އެހީގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ މީހެއް،

15:57

އިސްރާއީލުން އެންމެ ފަހުން ދިން ހަމަލާތަކުގައި ޣައްޒާގެ އުތުރާއި ދެކުނުގެ އެތައް ބަޔަކު ޝަހީދުވެ ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނެފި.

ޚާން ޔުނިސްގެ ގެތަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ފަސް މީހުން ޝަހިދުވެ 10 މީހުން ޒަޚަމްވި.
ދީރް އަލް ބަލާހްގެ ގެތަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ތިން މީހަކު ޝަހީދުވި.
ޣައްޒާ ސިޓީގެ އަވަށްތައް ކަމަށްވާ ޝެއިޚް އިޖްލިން، ތަލް އަލް ހައްވާ އަދި ޒީތޫންއަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވި.

 

15:23

އިސްރާއީލަށް ނުރުހުން ފާޅުކުރަމުންދާއިރު، ހަމަލާގައި މަރުވި ބިދޭސީ އެހީގެ ހަ މީހެއްގެ ހަށިގަނޑު މިސްރު މަގުން ޣައްޒާއިން ބޭރަށް ގެންދަން ނިންމައިފި.

ފަލަސްތީނުގެ އެކުވެރިޔަކާ އެކު މަރުވި ބައިނަލްއަގުވާމީ ހަ ސްޓާފުންގެ ހަށިތައް ޣައްޒާއިން ނެރުމަށް ހަމަޖެހިފައިވަނީ ރަފާ ކްރޮސިން މެދުވެރިކޮށް ކަމަށް އެ ސިޓީގެ އަބޫ ޔޫސުފް އަލް ނައްޖާރު ހޮސްޕިޓަލްގެ ޑިރެކްޓަރު މަރުވާން އަލް ހަމްސް ވިދާޅުވި.

15:10

ބަނޑުހައިހޫނުކަމުގެ މައްސަލަ އެންމެ ބޮޑަށް ފެތުރެމުންދާ ޣައްޒާގެ އުތުރުގެ ސަރަހައްދަށް ކާބޯތަކެއްޗާއި އެހެނިހެން އެހީތައް ގެނައުމަށް އިސްރާއީލުން އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ) އަށް ހުރަސް އަޅަމުންދާ ކަމަށް ޔޫއެންއާރުޑަބްލިއުއޭގެ އެންމެ ފަހުގެ ހާލަތާ ބެހޭ އަޕްޑޭޓްގައި ބުނެފި.

އަދި މުޅި މާޗް މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 161 އެހީ ޓްރަކް އެންކްލޭވްއަށް ފޯރާފައިވާއިރު، މިއީ 500 އަށް ވުރެ ދަށް އަދަދެއް ކަމަށް ޔޫއެންއާރްޑަބްލިއުއޭ އިން ބުނޭ.

15:09

އިސްރާއީލުގެ ލީޑަރު ދިިރިއުޅޭ ގޭގެ ބޭރުގައި ރޭ ހިނގި ހަމަނުޖެހުންތަކަށް ފަހު، ދާޚިލީ ސަލާމަތީ އިދާރާގެ ވެރިޔާ ޝިން ބެޓް އިންޒާރު ދީފި.

އޭނާ ދިން އިންޒާރުގައި ބުނެފައި ވަނީ "ސައްހަ އިހުތިޖާޖަކާއި ހަރުކަށި އަދި ގާނޫނާ ހިލާފަށް ކުރާ މުޒާހަރާއަކާ ދޭތެރޭގައި ވަރަށް ސާފު ލައިންއެއް އެބައޮތް" ކަމަށް.

"މީސް މީޑިއާގައި ހަރުކަށި ވާހަކަތަކާއި ގުދުސްގައި ރޭގަނޑު ފެނުނު ބައެއް މަންޒަރުތަކަކީ އެއްވެސް އެކަށީގެންވާ އިހުތިޖާޖުގެ އަމަލަކަށް ވުރެ އިތުރަށް، އާންމު އަމާންކަން ދެމެހެއްޓުމުގެ ގާބިލުކަމަށް ގެއްލުމެއް ލިބޭ މަންޒަރުތަކެއް،" ރޮނެން ބާ ބުނެފައިވޭ

އަދި މި އަމަލުތަކުގެ ސަބަބުން ސަލާމަތީ ބާރުތަކާ އެކު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމަށްވެސް ބުނެފައިވޭ.

15:08

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ރޭ ވާހަކަ ދެއްކެވީ އިނގިރޭސި ވިލާތުގެ ތިން ރައްޔިތަކު ހިމެނޭ ގޮތަށް ބޭރުގެ އެހީދޭ މީހުން މަރާލުމާއި ގުޅިގެން

"ޣައްޒާގައި އެހީދޭ ގިނަ އަދަދެއްގެ މީހުންނާއި ކުށެއް ނެތް އާންމުންގެ ފުރާނަ ވަނީ ގެއްލިފައި، ހާލަތު ދަނީ ކެތްނުކުރެވޭ ވަރުގެ ހާލަތަކަށް ބަދަލުވަމުން،" ސުނާކްއާ ހަވާލާދީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވޭ.

"އިންސާނީ އެހީއަށް އަޅާފައިވާ ހުރަސްތައް ނިމުމަކަށް ގެނައުމަށާއި، އދ އާއި އެހީދޭ އިދާރާތަކާ އެކު ޑީކޮންފްލިކްޓް ކުރުމަށާއި، އާންމުންގެ ހިމާޔަތާއި، ހޮސްޕިޓަލްތަކާއި ފެނުގެ ނެޓްވޯކް ފަދަ މުހިންމު އިންފްރާސްޓްރަކްޗާ މަރާމާތު ކުރުމަށް އިސްރާއީލުން ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް އިނގިރޭސިވިލާތުން އުންމީދު ކުރޭ."

15:06

ޕޮލެންޑްގެ ޚާރިޖީ ވުޒާރާއިން ވަނީ ފަލަސްޠީނަށް މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ހައްގުގެ ވާހަކަ ތަކުރާރުކޮށް، އިސްރާއީލުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެފި.

ޕޮލެންޑްގެ ޚާރިޖީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިސްރާއީލުގެ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ގަބޫލުކުރާ ކަމަށާއި ނަމަވެސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ގާނޫނާ ހިލާފަށް ވަޒަންވެރިވުމުގެ ހައްގު ގަބޫލުނުކުރާ ކަމަށް.

15:05

ޣައްޒާގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޝަހީދުވި މީހުންގެ ޖުމުލަ އަދަދު 32،975 އަށް އަރާފައިވާއިރު، 75،577 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި.

އަދި އިތުރު 8،000 މީހުން ވަނީ ގެއްލިފައި.

14:39

ފަލަސްތީނުގެ ޣައްޒާއަށް އެހީ ފޯރުކޮށްދެމުން ދިޔަ ވޯލްޑް ސެންޓްރަލް ކިޗަންގެ އެހީ ގާފިލާއަށް އިސްރާއީލުން ހަމަލާ ދިނީ ގަސްތުގައި ކަމަށް އަލް ޖަޒީރާގެ ތަހުގީގީ އިދާރާ، ސަނަދު ވެރިފިކޭޝަން އެޖެންސީން ކުރިއަށް ގެންދިޔަ ތަހުގީގުން ހާމަވެެއްޖެ.

12:52

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ޣައްޒާގެ ހާން ޔޫނުސް ސިޓީގެ އަލް-އަމާލް ސަރަހައްދަށް ހަމަލާތަކެއް ދީ، ފަލަސްތީނުގެ މުޖާހިދުންތަކެއް ޝަހީދުކޮށްލާފައިވާނެ ކަމަށް. އިއްޔެގައި އެކަނި ވެސް ހާން ޔޫނުސް ސިޓީގައި ހުރި ހަމާސްގެ އަސްކަރީ ތަންތަނަށް ހަމަލާ ދީފައިވާނެ ކަމަށް ވެސް ބުނެފައިވޭ.

އިސްރާއީލުން އެންމެ ފަހުން ނުސެއިރާތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި ބައެއް އާންމުން ޝަހީދުކޮށްލާފައިވޭ. އޭގެ ތެރޭގައި ކުޑަ ކުއްޖަކާއި ދެ އަންހެނުން ހިމެނޭ ކަމަށް ވެސް ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވޭ.

12:17

ފަލަސްތީނުގެ ޣައްޒާގައި ކުށެއް ނެތް މައުސޫމް ކުދިންނާއި ރައްޔިތުން އަދި ޣައްޒާގައި އެހީތެރިކަން ފޯރުކޮށްދޭން ހަރަކާތްތެރިވާ އެހެނިހެން ގައުމުތަކުގެ މަސައްކަތްތެރިން ގަތުލު ކުރުން ހުއްޓާލަން އެމެރިކާގެ ސެނެޓް މެމްބަރު ބާނީ ސެންޑާސް ގޮވާލައްވައިފި.

12:13

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބާއްވަން އުޅުނު ރޯދަ ވީއްލުން ކެންސަލްކޮށްފި.

12:08

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކާރަކުން ޖައްސައި އިސްރާއީލްގެ ހަތަރު ފުލުހުން ޒަހަމްކޮށްލައިފި. މިކަން ކުރި އުމުރުން 26 އަހަރުގެ މީހަކު ވަނީ ޝަހީދުކޮށްލާފައި. އަދި މި ހަމަލާގައި ބައިވެރިވި އިތުރު މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން.

12:06

އިންސާނީ އެހީ ފޯރުކޮށްދޭ ބަޔަކު މަރާލި ހަބަރު އެހީ ކުއްލި ހައިރާންކަމާ އެކީގައި ކަމަށާއި އެ ވާހަކަ އިވިފައި "ހިތް ހަލާކުވެފައިވާ" ކަމަށް އެމެރިކާގެ ރައީސް ޖޯއި ބައިޑަން ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ޣައްޒާގައި ހަރަކާތްތެރިވާ އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތައް ހިމާޔަތް ކުރުމަށް އިސްރާއީލުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް. އަދި ޣައްޒާގެ އާންމު ރައްޔިތުންނަށް ރައްކާތެރިކަން ދިނުމުގައި ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވި.

12:03

ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށާއި ނަތަންޔާހޫ ވެރިކަމުން ފޭބުމަށް ގޮވާލައި އިސްރާއީލްގައި މުޒާހަރާ ކުރަނީ. ސިލްސިލާ ގޮތެއްގައި މި މުޒާހަރާ ކުރިއަށްދާ އިރުގައި މިއީ މުޒާހަރާ ކުރާތާ ހަތަރު ވަނަ ދުވަސް. އެ މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވޭ.

މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ ގުދުސްގައި ހުންނަ ގާނޫނު ހަދާ މަޖިލިހުގެ އިމާރާތް ކައިރިއަށް އެއްވެ، އާ އިންތިހާބެއް ބޭއްވުމަށް ގޮވާލާފައި. އަދި ނަތަންޔާހޫގެ އަމަލުތަކުގެ ސަބަބުން ޣައްޒާގައި ތިބި އަސީރުން މިނިވަން ވާނެ ކަމަށް ނުބެލެވޭ ކަމަށް އެމީހުން ބުނޭ.

މުޒާހަރާ ކުރާ މީހުން ނަތަންޔާހޫ ދިރިއުޅޭ ގެއަށް ދާން ވެސް މަސައްކަތް ކުރި. އެހެންވެ، ފުލުހުންނާއި މުޒާހަރާ ކުރާ ފަރާތްތަކާ މެދުގައި ހަމަނުޖެހުން ވެސް ހިނގި. މި ހަމަނުޖެހުންތަކާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައި.

11:59

އިސްރާއީލުން ލުބުނާންގެ ދެކުނަށް ވައިގެ ހަމަލާތަކެއް ދީފި. އިސްރާއީލުން މި ހަމަލާ ދީފައި ވަނީ އައިނަތާ ސަރަހައްދުގައި ހުރި މިސްކިތެއް ކައިރިއަށް. ރޭގައި ދިން ހަމަލާގައި މީހަކު ޒަހަމްވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވޭ.

އެ ސަރަހައްދުގެ އިތުރުން އިސްރާއީލުން ވަނީ ލުބުނާންގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް ހަމަލާ ދީފައި.

11:54

ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އެމެރިކާގެ ވައިޓް ހައުސް ކައިރީގައި ބޭއްވި އިހްތިޖާޖު. އެމީހުން ވަނީ އެ ސަރަހައްދުގައި ތިބެ ރޯދަ ވީއްލާފައި.

11:52

ވޯލްޑް ސެންޓްރަލް ކިޗަންގައި މަސައްކަތް ކުރަނިކޮށް ދުނިޔެއާ ވަކިވި ހަތް މީހުންގެ ނަންތައް އާންމުކޮށްފި.

- ސައިފުއްދީން އިއްސާމް އަޔާދު އަބުތަހާ 25، ޑަބްލިއުސީކޭ ރިލީފް ޓީމް، ފަލަސްތީނު
- ލަލްޒާމީ (ޒޯމީ) ފްރޭންކޮމް 43، ޑަބްލިއުސީކޭ ރިލީފް ލީޑް، އޮސްޓްރޭލިއާ
- ޑާމިއަން ސޮބޯލް 35، ޑަބްލިއުސީކޭ ރިލީފް ޓީމް، ޕޮލެންޑް
- ޖާކޮބް ފްލިކިންގާ 33، ޑަބްލިއުސީކޭ ރިލީފް ޓީމް، އެމެރިކާ/ކެނެޑާ
- ޖޯން ޗަޕްމަން، 57، ޑަބްލިއުސީކޭ ސެކިއުރިޓީ ޓީމް، އިނގިރޭސި ވިލާތް
- ޖޭމްސް (ޖިމް) ހެންޑަސަން 33، ޑަބްލިއުސީކޭ ސެކިއުރިޓީ ޓީމް، އިނގިރޭސި ވިލާތް
- ޖޭމްސް ކިރްބީ، 47، ޑަބްލިއުސީކޭ ސެކިއުރިޓީ ޓީމް، އިނގިރޭސި ވިލާތް

11:48

އިސްރާއީލް އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހާޒީ ހަލޭވީ ބުނި ގޮތުގައި އިންސާނީ އެހީ ފޯރުކޮށްދޭ ބަޔަކަށް ދެވުނު ހަމަލާއަކީ އިސްރާއީލުން ހެދި ގޯހެއް.

11:47

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވި ގޮތުގައި މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އައިއިރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނިކޮށް ޣައްޒާ އިން 196 މީހުން ވަނީ ގަތުލުކޮށްފައި.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދިން ހަމަލާއެއްގައި ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ) ގައި މަސައްކަތް ކުރަމުން އަންނަ ތިން ގައުމެއްގެ ބަޔަކު މަރާލި މައްސަލައިގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ނުރުހުން އިސްރާއީލަށް ވަރަށް ބޮޑަށް އަމާޒުވެއްޖެއެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ބެހުމުގެ މަސައްކަތުގައި އުޅެނިކޮށް މަރާލާފައި ވަނީ އޮސްޓްރޭލިއާ، ޕޮލެންޑް، އިނގިރޭސިވިލާތުގެ ބައެކެވެ. މި ހަމަލާގައި ފަލަސްތީނުގެ ބައެއް މީހުންނާ އެކުގައި ޖުމްލަ ހަތް މީހަކު ދުނިޔެއާ ވަކިވެފައިވާ އިރު، ގިނަ ގައުމުތަކަކުން ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ. އަދި އިސްރާއީލުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް އެ ގައުމުތަކުން ވަނީ ގޮވާލައިފައެވެ.

މި ލައިވް ބްލޮގްގައި ގެނެސްދޭނީ ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އާއި އެއާ ގުޅިގެން ހިނގާ ކަންތައްތަކެވެ.