އިސްރާއީލުގެ ބޮޑުވަޒީރުގެ ގޭދޮށުގައި މުޒާހަރާ ކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް ކަމަށްވާ އިސްރާއީލުގައި އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދެކޮޅަށް އޭނާގެ ގޭ ދޮށުގައި ދަނީ ވަރަށް ގަދަ އަށް މުޒާހަރާ ކުރަމުންނެވެ.

ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ފަލަސްތީނުގެ މައްސަލާގައި ގެންގުޅޭ ފީކަޅާ ލާއިންސާނީ ސިޔާސަތު ތަކުގެ ސަބަބުން އިސްރާއީލުގެ އިގުތިޞާދު ވަރަށް ބޮޑަށް ހީނަރުވަމުންދާ ކަމަށާއި، ވަޒީފާ ނެތް ޒުވާނުންގެ ނިސްބަތް ވެސް އިތުރުވަމުން އަންނަ ކަމަށް މުޒާހަރާ ކުރަމުންދާ އިސްރާއީލްގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

އިސްރާއީލުގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޑޮމެސްޓިކް ސެކިއުރިޓީ އެޖެންސީ "ޝިން ބެޓް" އިން ބުނެފައިވަނީ ސުލްހަވެރި މުޒާހަރާ އާއި ގައުމުގައި ހަމަނުޖެހުން ނަގާލަން މަސައްކަތް ކުރުމާއި ދެެމެދު ވަނީ ވަރަށް ހަނި ރޮނގެއް ކަމަށާއި، މި ރޮނގު ހުރަސްކޮށް ގައުމުގެ އެތެރޭގެ ހަމަޖެހުން ނަގާލުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށެވެ. އަދި މިހާރު ނަތަންޔާހޫ ދިރިއުޅޭ ގެ ކައިރީގައި ކުރަމުންދާ މުޒާހަރާތައް ބޮޑު ހަމަ ނުޖެހުމަކަށް ބަދަލުވެދާނެ ކަމަށްވެސް އެ އެޖެންސީން ބުނެފައި ވެއެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން ގައުމުގެ ސުލްހަ ނަގާލުމަށް އެއްވެސް މަސައްކަތެއް ކޮށްފި ނަމަ އިސްރާއީލުގެ އަމަން އަމާން ކަން ދެމެހެއްޓުމަށް ޓަކައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރާނެ ކަމަށް ވެސް "ޝިން ބެޓް" އިން ވަނީ އިންޒާރު ދީފައެވެ.

" މީސް މީޑިއާ އިން އަހަރެމެންނަށް އެބަ ފެނޭ ނަފްރަތު އުފެއްދުމަށް ވަރަށް ގިނަ ޕޯސްޓް ތައް ކުރަމުންދާ ތަން، އަދި ގުދުސް ގައި ވެސް އެބަ ހިނގާ ވަރަށް ބަލަން ބޭނުން ނުވާ މަންޒަރުތައް. އެހެންކަމުން މިހާރު ކުރަމުން މިދާ މުޒާހަރާތަކަކީ އެއްވެސް ހާލެއްގައި ސުލްހަވެރި މުޒާހަރާ ތަކެކޭ ނުބުނެވޭނެ." ޝިން ބެޓްގެ ވެރިޔާ ރޮނެން ބާ ބުނެފައި ވެއެވެ.

އިސްރާއީލްގެ ނޫހެއް ކަމަށްޗާ ހާރެޓްޒް އިން އެ ގައުމުގެ ފުލުހުންގެ އިސް އޮފިޝަލަކާއި ހަވާލާދީ ބުނެފައިވަނީ އަންގާރަ ދުވަހު ކުރި މުޒާހަރާގައި ސަލާމަތީ ބާރުތަކުގެ ބެރިކޭޑްތައް ފަޅާލައި، އެތެރެއަށް ވަންނަށް މަސައްކަތް ކުރި ފަރާތްތަކާއި ދެކޮޅަށް ބަޑި ބޭނުން ކުރުމަށް ވެސް ސަލާމަތީ ބާރުތަކުން ވިސްނި ކަމަށެވެ.