ސްލޮވާކިއާ ގައި އިއްޔެ ބޭއްވި އެ ގައުމުގެ ރިޔާސީ އިންތިހާބު ރަޝިއާ އަށް ތާއީދު ކުރައްވާ ކެންޑިޑޭޓް ކާމިޔާބު ކޮށްފިއެވެ.

ސްލޮވާކިއާގެ ރައްޔިތުންގެ މެދުގައި ކުރިން ވެސް މަގުބޫލް ބޭފުޅެއް ކަމަށްވާ ޕީޓަ ޕެލެގުރިނީ މި އިންތިހާބު ކާމިޔާބު ކުރެއްވީ ހުޅަނގުގެ ގައުމުތަކުގެ ރުހުން ލިބިފައިވާ އަދި ރަޝިއާ އާއި އިންތިހާއަށް ދެކޮޅު ކެންޑިޑޭޓް އިވާން ކަރޯކޮކް ބަލިކޮށްގެންނެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕެލެގްރިނީ ވަނީ ވޯޓުގެ 53 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ.

ސްލޮވާކިއާ ގެ އައު ރައީސަކީ އެ ގައުމުގެ ބޮޑުވަޒީރު ރޮބާޓް ފިކޯގެ ވަރަށް އަރިސް ބޭފުޅެއް ކަމަށާއި އަދި ބޮޑުވަޒީރު ފިކޯގެ ސިޔާސީ ފިކުރަށް ފުރިހަމަ އަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށް ވެސް ބީބީސީ އިން ބުނެއެވެ.

ސްލޮވާކިއާ އަކީ ރަޝިއާ ޔޫކުރޭން ހަނގުރާމައިގައި ޔޫކުރޭނަށް ކުރިން އެންމެ އެހީތެރިކަން ދިން އެއް ގައުމެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސްލޮވާކިއާގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވި ރޮބާޓް ފިކޯ ވަނީ ޔޫކުރޭނާއި ދުރު އަދި ރަޝިއާ އާއި ކައިރި ހާރިޖީ ސިޔާސަތެެއް ގެންގުޅެން ފަށާފައެވެ. އެ ގޮތުން ސްލޮވާކިއާ އިން ޔޫކުރޭނަށް ދެމުންދިޔަ ބޮޑެތި އަސްކަރީ އެހީތެރިކަން ވަނީ ހުއްޓާލާފައެވެ. ސްލޮވާކިއާ އިން މީގެ ކުރިން ވަނީ ޔޫކުރޭނަށް އަސްކަރީ ހަތިޔާރުވެސް ފޯރުކޮށްދީފައެވެ.

ބޮޑުވަޒީރު ރޮބާޓް ފިކޯގެ ރަޝިއާ އަށް ތާއީދުކުރާ ސިޔާސީ ފިކުރު މިހާރު މި ވަނީ ސްލޮވާކިއާ ވެރިކަން ހިންގާ ހުރިހާ ބާރެއްގައި ހިމެނިފައެވެ. އެ ގޮތުން ސްލޮވާކިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ވަނީ ބޮޑުވަޒީރުގެ ޕާޓީއަށް ލިބިފައެވެ. އަދި މިހާރު ރައީސް އޮފީސް ވެސް އެ ޕާޓީ އަށް ލިބުނީއެވެ. މިއާއި އެކު ޔަޤީނުން ވެސް ޔޫކުރޭނަށް އީޔޫ އަދި ނޭޓޯ ގައުމެއް ކަމަށްވާ ސްލޮވާކިއާގެ ހުރިހާ އެހީތެރިކަމެއް ގެއްލުނީއެވެ.

ސްލޮވާކިއާގެ ބޮޑުވަޒީރު ފިކޯ ވަނީ ހުޅަނގުގެ ގައުމުތަކުން ޔޫކުރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަންވެސް ގޮވާލައްވާފައެވެ. އަދި ރަޝިއާ އާއި ޔޫކުރޭނާއި ދެމެދު ހިނގާ ހަނގުރާމަ ހުއްޓާލައި ހުޅަނގުން ރަޝިއާ އާއި އެކީ ސުލްހައިގެ މަޝްވަރާތަކަށް އައުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި ޔޫކުރޭން ނޭޓޯގައި ބައިވެރިކުރުމަކީ 3 ވަނަ ބޮޑު ހަނގުރާމައިގެ ފެށުން ކަމަށް ވެދާނެ ކަމަށް ވެސް ސްލޮވާކިއާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.