ސްލޮވޭކިއާގެ ބޮޑު ވަޒީރު، ރޮބާޓް ފީކޯއަށް ބަޑިން ދިން ހަމަލާގައި އޭނާއަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ނަމަވެސް މިހާރު ހާލު ސްޓޭބަލް ކަމަށް އެގައުމުގެ އިންތިހާބީ ރައީސް، ޕީޓާ ޕެލެގްރިނީ ވިދާޅުވެއްޖެއެވެ.

ބޮޑު ގްރޫޕެއްގެ ތެރޭގައި ހުރި މީހަކު މިމަހުގެ 15 ވަނަ ދުވަހު ފީކޯއަށް ހަމަލާދީފައިވަނީ ހެންޑްލޯވާ ސިޓީގައި ބޭއްވި ސަރުކާރުގެ ބައްދަލުވުމަކަށްފަހު އެނބުރި ވަޑައިގެންނެވި ވަގުތުއެވެ. މި ހަމަލާއަކީ ފާއިތުވި 20 އަހަރު ދުވަހު ތެރޭގައި ވެސް ޔޫރަޕުގެ ސިޔާސީ ލީޑަރަކު އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާއެވެ. ހަމަލާއާއި ގުޅިގެން އެގައުމުގެ އިތުރުން ޔޫރަޕުގެ އެކި ކަންކޮޅުތަކުގައި ސިޔާސީ މާހައުލު ހަލަބޮލިވެގެންދާނެއެވެ.

ހަމަލާއާއި ގުޅިގެން ފީކޯއަށް ލިބުނު ޒަހަމްތަކުގެ ވާހަކަ ހިއްސާ ކުރަމުން ޕީޓާ ބުނެފައިވަނީ އޭނާއަށް ވަރަށް ކުޑަކޮށް ވާހަކަ ދެއްކޭ ކަމަށާއި ނަމަވެސް ދީފައިވާ ބޭހުގެ ސަބަބުން ވަރަށް ބޮޑަށް ބަލިވެފައިވާ ކަމަށެވެ. އަދި އޭނާއަށް ލިބިފައިވަނީ ސީރިއަސް ޒަހަމްތަކެއް ކަމަށާއި ނަމަވެސް ހާލު ސްޓޭބަލް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕީޓާ ބުނެފައިވަނީ މި ހަމަލާގައި އޭނާގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ބަޑިން ހަމަލާދީފައިވާ ކަމަށާއި ފީކޯއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

ފީކޯއަށް ދިން ހަމަލާއާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާއިރު، މީޑިއާ ރިޕޯޓްތަކުން ބުނީ ހައްޔަރު ކޮށްފައިވަނީ 71 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަކީ މީގެ ކުރިން ފިހާތަކުގެ ސެކިއުރިޓީގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ހަމަލާ ގިނަ ގައުމުތަކުން ކުށްވެރިކޮށްފައިވާއިރު، އެގައުމުގެ ރައީސް، ޒުޒާނާ ކަޕުޓޯވާ ވަނީ މިދަނޑިވަޅުގައި ސިޔާސީ މަސްރަހު ހަމައަކަށް އަޅުވަން ގޮވާލާފައެވެ.