ޔަހޫދީ އިސްރާއިލާއި އެމެރިކާގެ އުޅަނދުތަކަކަށް ރަތް ކަނޑުގައި ހަމަލާދީފައިވާނޭ ކަމަށް ހޫތީ ޖަމާއަތުން ބުނެފިއެވެ.

ހޫތީން ބުނެފައިވަނީ މި ހަމަލާތައް އަމާޒުކޮށްފައި ވާނީ ރަތް ކަނޑުން ދަތުރުކުރަމުން ދިޔަ ޔަހޫދީންގެ ޣައިރު ޤާނޫނީ އަނިޔާވެރި ދައުލަތް އިސްރާއީލުގެ ދެ އުޅަނދަކަށާއި ޔަހޫދީންނަށް އެންމެ ބޮޑަށް އެހީތެރިކަންދޭ އެމެރިކާގެ ދެ އުޅަނދަކަށް ކަމަށެވެ.

ހޫތީން ހަމަލާދިން އުޅަނދުތަކުގެ ތަފްސީލް ދެމުން ނެރުނު ވީޑިއޯ އެއްގައި އެ ޖަމާއަތުގެ ތަރުޖަމާނަކު ބުނެފައިވަނީ ހަމަލާދިން އިސްރާއީލުގެ ދެ އުޅަނދަކީ 'އެމްއެސްސީ ޑާވިން' އަދި 'އެމްއެސްސީ ޖީނާ' ކިޔާ ދެ އުޅަނދު ކަމަށެވެ. އަދި ހޫތީން ހަމަލާދިން ޔަހޫދީންނަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ ދެ އުޅަނދަކީ މައެރިސްކް ވެސެލް އާއި އެމެރިކާގެ އަސްކަރީ މަނަވަރެކެވެ.

ރަތް ކަނޑުގައި ދަތުރުކުރަމުން ދިޔަ ޔަހޫދީ އިސްރާއީލާއި އެމެރިކާގެ އުޅަނދުތަކަށް ހަމަލާދިނުމުގައި ބެލިސްޓިކް މިސައިލާއި އަސްކަރީ ޑުރޯންތައް ބޭނުން ކޮށްފައިވާނޭ ކަމަށް ހޫތީ ޖަމާއަތުން ވަނީ ބުނެފައެވެ. އެ އުޅަނދުތަކަށް ހަމަލާދީފައިވަނީ ގަލްފް އޮފް އަދަން ކައިރިންނެވެ.

" ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހްތުންގެ ހައްގުގައި އަހަރެމެންގެ ލަޝްކަރުތަކުން އަހަރެމެންނަށް ކުރެވުނު ކަމެއް ކުރާނެ. އަހަރެމެން އަދިވެސް ޔަހޫދީންގެ އުޅަނދުތަކަށް ހަމަލާދޭނަން އަދި ޔަހޫދީންގެ އަނިޔާވެރިކަން ފަލަސްތީނުގެ ޣައްޒާގައި ހުއްޓަންދެން އަހަރެމެން ވެސް މި ގޮތުގައި ދެމިތިބޭނަން." ހޫތީންގެ ތަރުޖަމާނު ބުނެފައި ވެއެވެ.

ހޫތީ ޖަމާއަތުން ދަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރަތް ކަނޑުގައި ދަތުރު ކުރަމުންދާ ޔަހޫދީ އިސްރާއީލާއި އެ ގައުމަށް އެހީތެރިވާ ހުރިހާ ގައުމެއްގެ އުޅަނދުތަކަށް ހަމަލާދެމުންނެވެ. ހޫތީންގެ ހަމަލާތަކުން ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުތައް ރައްކާތެެރި ކުރުމަށް ކަމަށް ބުނެ އެމެރިކާ އިސްވެ އޮވެ ކޯލިޝަނެެއް ހަދައިގެން ދަނީ ރަތް ކަނޑުގައި ހަރަކާތްތެރިވަމުންނެވެ.