އެމެރިކާގައި ކިޔަވާ ޔަހޫދީ ދީނުގެ ދަރިވަރުން ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަމަލާތަކާއި ދެކޮޅު ވާ ސަބަބު ކިޔައިދީފިއެވެ.

އެމެރިކާގެ އެންމެ ބޮޑު އެއް ސްޓޭޓް ކަމަށްވާ ޓެކްސަސްގެ އޮސްޓިންގައި ހުންނަ ޔުނިވާސިޓީ އޮފް ޓެކްސަސްގައި ފަލަސްތީނަށް ތާއީދުކޮށް ކުރަމުންދާ މުޒާހަރާގައި ބައިވެރިވާ ޔަހޫދީ ދީނަށް ނިސްބަތްވާ އެލިޖާ ޚަލެންބާގް ބުނީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި އެ ގައުމުގެ މައުސޫމް ރައްޔިތުންނާއި ދެކޮޅަށް ހިންގަނީ ޤަތުލްއާންމެއް ކަމަށް އޭނާ ޤަބޫލު ކުރާ ކަމަށެވެ. އަދި އޭނާ އިސްރާއީލުގެ އަސްކަރިއްޔާ އާއި ދެކޮޅަށް ކުރާ މި މުޒާހަރާތަކުގައި ބައިވެރިވީ އެ ސަބަބަށްޓަކައި ކަމަށް ވަނީ ބުނެފައެވެ.

21 އަހަރުގެ އެލިޖާ ބުނި ގޮތުގައި ޔަހޫދީ ކުދިން ކުޑައިރު ޔަހޫދީންގެ ތާރީހް ކިޔައިދޭ އިރު ފަލަސްތީނުގެ ވާހަކަ ނުކިޔައިދޭ ކަމަށެވެ. އަދި 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި ހިނގި ކަންތައްތައް ވަނީ ޔަހޫދީންގެ ތާރީހުން އެއްކޮށް ކަހަލަ ގޮތަކަށް ފޮރުވައިފައި ކަމަށެވެ.

" އަހަރެމެން ކުޑައިރު ނަކްބާގެ ވާހަކަ އަހާ އިރަން ޓީޗަރުން ބުނާނެ އެއީ އަރަބިންނާއި ފަލަސްތީނުގެ މީހުން އިސްރާއީލްގެ ޔަހޫދީންނަށް ނަސްލީ ތަފާތުކުރުން ގެންގުޅުމުން ހިނގި ކަމަކޭ. ނަމަވެސް އެ ކަމުގެ އަސްލު ހަގީގަތް ކިޔައި ނުދޭ. ހަމަ އެކަނި ހިބްރޫ ސުކޫލުތަކުން ކިޔައިދޭ އެއްޗެހި ޤަބޫލުނުކޮށް އަހަރެން ފަހުން އަމިއްލަ އަށް ނިކަބާ އާއި އެހެނިހެން ކަންކަމާއި މެދު ދިރާސާކޮށް މައުލޫމާތު ހޯދަން ފެށީ. ދެން ފަލަސްތީނުގެ އެކުވެރިންނާއި އެކީ އަހަރެން ގިނަ ވަގުތު ހޭދަކުރަށް ފެށުމުން އަހަރެންނަށް ވިސްނުނީ އިސްރާއީލްގެ ސަޤާފަތާއި އުޅުމުގެ ވައްޓަފާޅި އެއްމެ އެންގޮތަކީ ފަލަސްތީނުގެ ރައްޔިތުންގެ ސަޤާފަތާއި ވައްޓަފާޅި ކަން" އަލް ޖަޒީރާ އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވެއެވެ.

އެމެރިކާގެ ވަރަށް ގިނަ ސްޓޭޓްތަކުގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ދަނީ އިސްރާއީލް އާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އަދި އެމެރިކާގެ ސަލާމަތީ ބާރުތަކުން ދަނީ ކިޔަވާ ދަރިވަރުން ހައްޔަރު ވެސް ކުރަމުންނެވެ.