ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ތިބި ތަނެއް ކައިރިއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ނިރުބަވެރިން މިފަދަ ހަމަލާއެއްދޭ މަންޒަރު މީސްމީޑިއާގައި ދައުރުވެފައިވާއިރު، އެތައް ބަޔަކު ވަނީ އެއީ އާ މަންޒަރެއް ނޫން ކަމަށް ވެސް ބުނެފައެވެ. އެއީ އެބައި މީހުންގެ އިންސާނިއްޔަތު ކަމެއް ނެތި، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް ބަޔަކު ޝަހީދުކުރަމުން އަންނާތީއެވެ.

މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން އެއީ ފަލަސްތީނުގެ ކޮން ސިޓީއެއް ނުވަތަ ކޮން ސަރަހައްދެއްކަން ނޭނގުނު ނަމަވެސް، އެސަރަހައްދުގައި ފަލަސްތީނުގެ ކުދި ބޮޑު ގިނަ އަދަދެއްގެ މީހުން ތިބޭތަން ފެނިގެންދެއެވެ. އެމީހުން އެކި ދިމަދިމާލަށް ހިނގައިގަންނަތާ މާ ގިނައިރުތަކެއް ނުވަނީސް އިސްރާއީލުން އެތަނާއި ކައިރިއަށް ހަމަލާދޭ މަންޒަރު ވެސް ފެނިގެންދެއެވެ.

ނިރުބަވެރިން އެފަދަ ހަމަލާއެއް ދިނުމާއި އެކީ ހުރިހާ އެންމެން ވަނީ އެމީޙުންގެ ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް ދުއްވައިގެންފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 77،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގެއެވެ.