މީގެ ގަރުނަކަށް ވުރެ ކުރިން، ގަނޑުފެންގަނޑެއްގައި ޖެހިގެން އެޓްލާންޓިކް ކަނޑަށް އަޑިއަށްދިޔަ ޓައިޓޭނިކު ބޯޓުން ފެނުނު ގަޑިއެއް ނީލަމުގައި އެއް މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަނޑު އަޑިން ހޮވި އެ ގަޑިއަކީ ރަން ގަޑިއެކެވެ. އަދި އެ ގަޑިއަކީ ޓަނިޓޭނިކު އަޑިއަށް ދިޔަ އިރު އޭގައި ހުރި އެންމެ މުއްސަދި މީހާ، ޖޯން ޖޭކަބް އެސްޓާގެ ގަޑިއެއް ކަމަށްވެއެވެ. އެ ގަޑީގައި އެސްޓާގެ ނަމުގެ އަކުރުތައް ވެސް ޖަހާފައިވާ ކަމަށެވެ.

އެ ގަޑި ވިއްކާލާފައިވަނީ ހޮނިހިރު ދުވަހު ބޭއްވި ނީލަމެއްގައި ކަމަށް ވެއެވެ. އެ ނީލަމުގެ އެ ގަޑިވަނީ އެއް މިލިއަން ޑޮލަރަށް ވިއްކާލާފައެވެ.

އެސްޓާ އަކީ ޓައިޓޭނިކް އަޑިއަށް ގޮސްގެން މަރުވި ހާދިސާގައި ހިމެނޭ 1500 މީހުންގެ ތެރެއިން އެކަކެވެ. އޭނާ މަރުވިއިރުގައި އުމުރުން 47 އަހަރެވެ. އެސްޓާއަކީ އެ ދުވަސްވަރުގައި ދުނިޔޭގެ އެންމެ މުއްސަދި އެކަކު ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.

އޭޕްރިލް 15، 1912ގައި ބޯޓު އަޑިއަށްދިޔަ ހާދިސާގައި އެސްޓާ މަރުވުމުގެ ކުރިން އޭނާ ވަނީ އަންހެނުން މެޑެލެއިން އެސްޓާ ސަލާމަތުން ލައިފް ބޯޓަކަށް އަރުވާދީފައެވެ.

އެސްޓާގެ ހަށިގަނޑި ފެނުނީ އެ ހާދިސާ ހިނގިތާ ހަފްތާއެއް ފަހުންނެވެ. މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލި ގަޑި ފެނުނީ އެސްޓާގެ އަތުންނެވެ. އެ ގަޑި ނީލަމުގައި ވިއްކާލުމުގެ ކުރިން ގަޑި ގެންގުޅުނީ އެސްޓާގެ ދަރިންނާއި ކާފަދަރިން ކަމަށް ވެސް ރިޕޯޓްކޮށްފައެވެ.