ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ދެކުނު ލުބުނާންގައި ހަރަކާތްތެރިވަމުންދާ ހިޒްބުﷲ ޖަމާއަތުގެ އަމާޒުތަކަށް އަނެއްކާ ވެސް ވަރުގަދަ ހަމަލާތަކެއް ދީފި ކަމަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ދެކުނު ލުބުނާންގެ ޖަބަލް ބަލަތް އަދި މަރްވާހިން އަވަށުގައިވާ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީ އެ އަސްކަރީ މަރުކަޒުތައް މުޅިން ސުންނާފަތި ކޮށްލާފައިވާނެ ކަމަށެވެ.

ޔަހޫދީންގެ އަސްކަރިއްޔާގެ މަޤްޞަދަކީ ހިޒްބުﷲ ގެ ހުރިހާ އަސްކަރީ މަރުކަޒު ތަކެއް ހަލާކުކޮށްލާ ހިޒްބުﷲ ގެ ރޮކެޓް ފޮނުވާލުމުގެ ޤާބިލްކަން މުޅިން ނައްތާލުން ކަމަށް އަސްކަރީ މާހިރުން ބުނެއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އާއި އިރާނުގެ އަސްކަރީ މަދަދާއި އެކީ ލުބުނާންގެ ދެކުނު ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާއި ދެމެދު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިހާރު ދަނީ ޔަހޫދީ އިސްރާއީލާއި ލުބުނާން ގުޅޭ ސަރަހައްދީ އިން ކައިރީގައި ހަމަލާތައް ބަދަލު ކުރަމުންނެވެ.

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތުގެ އަނިޔާވެރި އަސްކަރިއްޔާ އާއި ހިޒްބުﷲ ޖަމާއަތާއި ދެމެދު ހަމަލާތައް ފެށުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާއި ގުޅިގެންނެވެ. ލުބުނާންގެ ހިޒްބުﷲ ޖަމާއަތަކީ އަބަދުވެސް ޔަހޫދީ އިސްރާއީލަށް ދެކޮޅު ޖަމާއަތެކެވެ.

ހިޒްބުﷲ ޖަމާއަތާއި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބަދަލުކުރަމުންދާ ހަމަލާތަކުގައި މިހާތަނަށް ލުބުނާނުން ވަނީ 350 މީހުން ޝަހީދުވެފައެވެ. އަދި އިސްރާއީލްގެ 22 މީހުން ވަނީ މަރުވެފައެވެ.

ލުބުނާނާއި އިސްރާއީލާއި ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރަށް ފަރެންސޭސިވިލާތުގެ ހާރިޖީ ވަޒީރު ސްޓެފާނޭ ސެޖޯން ވަނީ އިއްޔެ ދެކުނު ލުބުނާނަށް ގޮސްފައެވެ. އަދި ފަރެންސޭސިވިލާތުން ލުބުނާންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ލިބޭތޯ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭނާގެ މި ދަތުރުގައި އޭނާ ވަނީ ދެކުނު ލުބުނާންގައި ހަރަކާތްތެރިވާ އދ ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ ސިފައިންނާއި ބައްދަލުކޮށްފައެވެ.