ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށް، މަގުތައް ސުންނާފަތި ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ފަލަސްތީނުގެ ނޫހެއް ކަމަށްވާ ވަފާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ރެއިޑްތަކުގެ ތެރެއިން ރޭ ވެސް ހުޅަނގުއައްސޭރީގައި ރެއިޑްތަކެއް ކުރިއަށް ގެންގޮސް ފަލަސްތީނުގެ ގިނަ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

އެނޫހުން ބުނި ގޮތުގައި ނިރުބަވެރިން އަންނަނީ ފަލަސްތީނުގެ ރައްޔިތުން ހައްޔަރު ކުރުމުގެ އިތުރުން ހުޅަނގު އައްސޭރި ހިމެނޭހެން ބައެއް ސަރަހައްދުތަކުގެ މަގުތައް ވެސް ސުންނާފަތި ކުރަމުންނެވެ. އެގޮތުން ޖެނިންގެ އިރުއުތުރުން އޮންނަ އަވަށެއް ކަމަށްވާ ޖަލްބުންގެ މަގުތަކާއި ގިނަ ތަންތަން ވަނީ ސުންނާފަތި ކޮށްލާފައެވެ.

ރޭ ކުރިއަށް ގެންދިޔަ ރެއިޑްތަކުގެ ތެރެއިން 6 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރެއިން ޒުވާން ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވަނީ ޖެނިންގެ ދެކުނުން އޮންނަ އަރައްބާއިންނެވެ. ފަސް މީހަކު ހިބްރޫން އިން ހައްޔަރު ކޮށްފައިވާއިރު، އަނެކަކު ހައްޔަރު ކޮށްފައިވަނީ ތުލްކަރީމްގައި ގާއިމު ކޮށްފައިވާ އެމީހުންގެ ޗެކްޕޯސްޓެއް ކައިރިންނެވެ.

ނިރުބަވެރިން ފަލަސްތީނުގެ އެތަކެއް ސަރަހައްދުތަކުގައި ރެއިޑްތަކެއް ކުރިއަށް ގެންދާއިރު، ރޭ ކުރިއަށް ގެންދިޔަ ރެއިޑްތަކުގައި ހަމަލާތަކެއްދީ ފަލަސްތީނުގެ 22 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.