ޣައްޒާގެ ބޯޑަރު ސިޓީއެއް ކަމަށްވާ ރަފަހް އަށް އިސްރާއީލުން ހަމަލާ ދިނުން ހުއްޓުވޭނީ ހަމައެކަނި އެމެރިކާއަށް ކަމަށް ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދު ގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް ގެ ހާއްސަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

”ރަފަހް އަށް ހަމަލާ ނުދިނުމަށް އިސްރާއީލަށް އެންގުމަށް އެމެރިކާ އަށް އަހަރެމެން ގޮވާލަން. އިސްރާއީލުން މި ބޮޑު ޖަރީމާ ހިންގުން ހުއްޓުވޭނެ ހަމައެކަނި ގައުމަކީ އެމެރިކާ.” އައްބާސް ވިދާޅުވިއެވެ.

އިސްރާއީލުގެ މަގުސަދަކީ ހަމާސްގެ ބާކީ ތިބި ހަނގުރާމަވެރިން ނައްތާލުން ކަމަށް ބުނެ، ރަފަހް އަށް ހަމަލާދޭނެ ކަމުގެ އިންޒާރު ފާއިތުވި އެތައް ހަފްތާ އަކުއްސުރެ އިސްރާއީލުން ދެމުން އަންނަ އިރު، މިދިޔަ ހަފްތާ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ރަފަހް އަށް ދެމުންދާ ވައިގެ ހަމަލާތައް ވަރުގަދަ ކޮށްފައެވެ.

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ޖަމާވެފައިވާ ރަފަހް އަށް އެއްގަމު މަގުން ނޭރުމަށް އިސްރާއީލުގެ އެންމެ ބޮޑު މަދަދުވެރިޔާ އެމެރިކާ ހިމެނޭހެން ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ ގޮވާލާފައެވެ.

އައްބާސް ވިދާޅުވީ ރަފަހް އަށް ދޭ “ކުޑަ ކުޑަ ހަމަލާއަކުންވެސް” ރަފަހް ގައި ތިބި އެތައް ބަޔަކަށް ޣައްޒާ އިން ފޭބުމަށް މަޖުބޫރުވާނެ ކަމަށެވެ.

އައްބާސް ތަކުރާރުކޮށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އުރުދުން އާއި މިސްރަށް ގެންދިއުމަށް ދެކޮޅު ހައްދަވާ ކަމަށާއި، އިސްރާއީލުން ޣައްޒާގައި ހިންގާ އޮޕަރޭޝަންތައް ނިންމުމަށްފަހު އިސްރާއީލުން ހިފައިގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރިން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް އުރުދުންއަށް ވައްދަން މަސައްކަތް ކުރާނެތީ ކަންބޮޑުވާ ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާ ތަކާއި މެދު ފަލަސްތީނުގެ ރައީސްގެ އަޑު މަޑު ކަމަށް ފަލަސްތީނުގެ ގިނަ ރައްޔިތުންތަކެއް ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާޅު ބާޒު

    އިޒުރޭލު ހުއްޓުވަން ބޭނުންވާނަމަ ފުރަތަމަ ޖެހެނީ އެމެރިކާ ސުންނާފަތިކޮށްލަން..

    11
  2. ތުންޖީނާ

    ކަލޭތީ ފަލަސްތީނު ގެ އަދުއްވެއް