ޗައިނާގައި ހައިވޭއެއްގެ ބައެއް ވެއްޓި، ދަތުރުކުރަމުންދިޔަ މީހުންގެ ތެރެއިން 24 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ ގުއަންޑޮންގ ޕްރޮވިންސްގައި ފަރުބަދަމަތީގެ ހައިވޭއެއްގެ ބައެއް ވެއްޓުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ.

ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިހާދިސާގައި 24 މީހުން މަރުވިއިރު 30 ވަރަކަށް މީހުންނަށް އަނިޔާވެ ދަނީ ފަރުވާދެމުންނެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގައި ހައިވޭގެ 50 ފޫޓްގެ ބައެއް ވަނީ ވެއްޓިފައެވެ. ޗައިނާ ސަރުކާރުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް 500 މީހުން ފޮނުވާފައެވެ.

މީޑީއާގައި ދައުރުވަމުންދާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ހައިވޭގެ ބައެއް ކަނޑައިގެންގޮސް ވެއްޓުމުން ދަތުރުކުރަމުންދިޔަ ކާރުތަކުގެ ތެރެއިން 20 ކާރު ބޮޑު ވަޅުގަނޑެއް ކަހަލަ ސަރަހައްދަކަށް ވެއްޓި ކާރުތަކުގެ މައްޗަށް ކިސަނޑުވެސް ވަނީ އެޅިފައެވެ. އަދި ބައެއް ކާރުތަކުގައި އަލިފާންވެސް ރޯވިއެވެ.

ގުއަންގޑޮންގ އަކީ ޗައިނާގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސްއަށް ވާއިރު، މިދިޔަ ހަފްތާގައި އެހިސާބަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވެ، 110،000 މީހުން ގެދޮރު ދޫކޮށް ދާން ޖެހުނެވެ. އަދި ވިއްސާރައިގައި ގިނަ އަދަދެއްގެ ގެތައް ހަލާކުވެ ސްކޫލްތައް ބަންދު ކުރަންޖެހުނުއިރު ފްލައިޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ.

އެ ސަރަހައްދަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުމުގެ އަގު 19.4 މިލިއަން ޑޮލަރަށް އަރާކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

ނިމުނު ހަފްތާ ބަންދުގައިވެސް ޗައިނާގެ ގުއަންގޑޮންގ އަށް މޫސުން ވަރަށް ގޯހެވެ. ޕްރޮވިންޝަލް ކެޕިޓަލް ގުއަންގޒޫ އަށް ނަގޫރޯޅިއެއް އެރުމުގެ ސަބަބުން 5 މީހުން މަރުވެ 33 މީހުންނަށް އަނިޔާވިއެވެ. އަދި ގޮލްފް ބޯޅަ ވަރުގެ ގަނޑުއައިސް ވާރޭގެ ގޮތުގައި ވެހިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    އަބަދުވެސް ކޮމެންޓު ކުރާނީ އިންޑިއާގަ އެއްޗެއް ވެއްޓުނީމަ. މިވެސް ވާނީ އިންޑިއާ ބަޔަކު ހެދި އެއްޗަކަށް

    2
    11
    • ބަލީ

      ދެން ކަލޭ ކޮމެންޓް ކޮށްކޮށް އިންނަންވީނު؟