ދުނިޔޭގެ އެންމެ ބޮޑު ސާޗް އިންޖީނު ގޫގުލް މިއަދު ޑައުންވެއްޖެއެވެ.

އިންޓަނެޓް ބޭނުންކުރާ ގިނަ ބަޔަކު ދަނީ ގޫގުލްގެ ހިދުމަތްތަކާއި ހާއްސަކޮށް ގޫގުލް ސާޗްގައި މައްސަލަތަކެއް ދިމާވަމުންދާކަން ރިޕޯޓް ކުރަމުންނެވެ.

ޑައުންޑިޓެކްޓަރުގެ ޔޫކޭ ޕްލެޓްފޯމްގައިވާ ގޮތުން ގޫގުލްއަށް ވަނުމަށް މަސައްކަތް ކުރަމުންދިޔަ 300 އަށް ވުރެ ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.

ހާއްސަކޮށް ނިއުޔޯކް، ޑެންވާ، ކޮލޮރާޑޯ އަދި ސިއެޓަލްގައި ގޫގުލް އަށް ވަނުމުގައި 1،400 އަށް ވުރެ ގިނަ ބަޔަކަށް މައްސަލަ ތަކެއް ދިމާވެފައެވެ. އޭގެ ތެރެއިން 64 އިންސައްތަ ރިޕޯޓްތަކަކީ ގޫގުލްގެ ސާޗް އިންޖީނާއި ގުޅުންހުރި ރިޕޯޓްތަކެވެ. އަދި 30 އިންސައްތައަކީ ވެބްސައިޓަށް ނުވަދެވޭ ކަމަށް ބުނެ ކޮށްފައިވާ ރިޕޯޓްތަކެވެ. އަދި ގޫގުލް ޑްރައިވްގައި މައްސަލަތަކެއް ހުރިކަމަށް ރިޕޯޓްކޮށްފައިވަނީ ގާތްގަނޑަކަށް 7 އިންސައްތަ މީހުންނެވެ. މީގެ އިތުރުން އެމެރިކާގެ 100 އެއްހާ މީހުން ވަނީ ގޫގުލް މެޕްސްގައި މައްސަލަތަކެއް ދިމާވި ކަމަށް ބުނެފައެވެ.

މީގެ އިތުރުން ގޫގުލް އިން ޖީމެއިލް އީމެއިލްގެ ހިދުމަތާއި ވީޑިއޯ ހޯސްޓިން ޕްލެޓްފޯމް ޔޫޓިއުބާއި ގޫގުލް މެޕްސް އަދި ގޫގުލް ޓޯކް ގެ ހިދުމަތް ދެއެވެ.