އަރްމޭނިއާގައި ކުރިއަށްދިޔަ "އާމެނިއަން ޔޫތު އޯޕެން 2024" ބެޑްމިންޓަން މުބާރާތުގެ 13 އަހަރުން ދަށުގެ ޑަބަލްސް އިން ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފްގެ ޕެއާ ރިހި މެޑަލް ހޯދައިފިއެވެ.

އާމެނިއަން ޔޫތު އޯޕެން ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ލައިބާގެ ޕެއާގައި ހިމެނެނީ އޭނާގެ އިތުރުން ސައިޕްރަސްއަށް ނިސްބަތްވާ ކެޓްރިން ކިޔާ ކުޅުންތެރިޔެކެވެ. ޑަބަލްސް ބައިގެ ފައިނަލުގައި ލައިބާގެ ޕެއާ ވާދަކޮށްފައިވަނީ ބަލްގޭރިއާގެ ރޭންކިންގެ އެއްވަނައިގައި ހިމެނޭ ދެ ކުޅުންތެރިންނާއެކުއެވެ. ލައިބާގެ ޕެއާ ފައިނަލުން ބަލިވެފައިވަނީ ދެ ސެޓުންނެވެ.

އާމެނިއަން ޔޫތް އޯޕެން 2024 - ފޮޓޯ: ލައިބާ އަހުމަދު މަހުލޫފް ޓްވިޓަރ

އާމެނިއަން ޔޫތް އޯޕެން ޑަބަލްސްގެ ފައިނަލްގެ ފުރަތަމަ ސެޓު ބަލްގޭރިއާގެ ރޭންކިންގެ އެއްވަނައިގައި އޮތް ޓީމުން ކާމިޔާބުކޮށްފައިވަނީ 13-21 ގެ ނަތީޖާ އަކުންނެވެ. އަދި ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 12-21 އިންނެވެ.

އާމެނިއަން ޔޫތް އޯޕަން 2024ގެ މިކްސް ޑަބަލްސްގެ ލޯ މެޑަލްވެސް ހޯދާފައިވަނީ ލައިބާގެ ޕެއާ އިންނެވެ. މިކްސް ޑަބަލްސްގައި ލައިބާގެ ޕެއާ ގައި ހިމެނެނީ އަރްމޭނިއާގެ މާކްއެވެ.

ރާއްޖޭގެ ޒުވާން ބެޑްމިންޓަން ތަރި ލައިބާ އަންނަނީ ރާއްޖޭން ބޭރުގެ މުބާރާތް ތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީ ތަކެއް ހޯދަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭން ބޭރުގެ މުބާރާތް ތަކުން ލައިބާ 3 ރިހިމެޑަލް ހޯދާފައިވާއިރު 5 ލޯމެޑަލްވެސް ވަނީ ހޯދާފައެވެ.

އަންނަ ހަފްތާ ޕޮލެންޑުގައި ފެށުމަށް ހަމަޖެހިފައިވާ ޔޮނެކްސް ޕްލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައިވެސް ލައިބާ ވާދަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ދައުލަތުން ކައެގެން ބޮއެގެން ބޮޑުކުރާ ކުދިން..

  2. ބުލީ

    އެއްވެސް މޮޅު ކުއްޖެއް ނޫން. ބަފާ އަތުގަ ލާރި އޮތީމަ ބައިވެރިވަނީ ހަމަ ތަނެއްގަ މުބާރާތެއް އޮންނައިރަށް

    3
    6
  3. Anonymous

    ކުޑަކުޑަ މަޢްޞޫމް ކުއްޖަކަށް ހާދަ ހަސަދައެއް
    އެކުއްޖާ ރާއްޖެއަށް ރީތިނަން ހޯދާދިނީމަ ކިޔާބަލަ މަރްޙަބާ ދެންވެސް.
    އެކި މީހުންނަށް އެކިނިޢްމަތްތައް ދެއްވާފައިވާކަން ހަނދާންކޮށް ބިލާ

    4
    1
  4. Anonymous

    ގައުމީ ޓީމް އައް ނުކުޅެނީ ކީއްވެ

    1
    1