ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގައި ޝަހީދުކޮށްލި ސިއްހީ ހިދުމަތްތެރިންގެ އަދަދު 500 އާއި ގާތްވެއްޖެއެވެ.

ނިރުބަވެރި އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި މިހާރު ކުރަމުން އަންނަ ހަނގުރާމައަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން ދިން ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެކެވެ.

މި ހަމަލާތަކުގައި އެތަކެއް ބަޔަކު ޝަހީދުކޮށްލާފައިވާއިރު، ނިރުބަވެރިން އެންމެ ގިނައިން ޝަހީދުކޮށްލާފައިވަނީ ކުށެއް ނެތް އާންމު ރައްޔިތުންކަން ފާހަގަ ކޮށްލެއެވެ.

ނިރުބަވެރިންގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ހޮޮސްޕިޓަލްތަކާއި އަޅުކަން ކުރާ ސަރަހައްދުތަކުގެ އިތުރުން ސްކޫލްތަކަށެވެ.

ފަލަސްތީނު ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި ސިއްހީ ހިދުމަތްތެރިންގެ އަދަދު ވަނީ 496 އަށް އަރާފައެވެ. މި އަދަދު 496 އަށް އަރާފައިވަނީ މިއަދުގެ ވަގުތެއްގައި ނިރުބަވެރިންގެ ހައްޔަރުގައި ހުރި ޑޮކްޓަރަކު ޝަހީދުވުމާއި އެކީއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މިއަދު ޝަހީދުވެފައިވަނީ ޣައްޒާގެ ޑޮކްޓަރެއް ކަމަށްވާ އަދްނާން އަލް-ބަރާޝް އެވެ. އޭނާ އިސްރާއީލުގެ ހައްޔަރުގައި ހުރީ ހަނގުރާމަ ފެށުނީއްސުރެން ފެށިގެންނެވެ.