ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ޝަހީދުކުރުމަށް ޓަކައި ކާނާ ބަންދުކޮށްފައި ހުންނަ ދަޅުތަކުގައި ބޮން ހަރުކޮށްގެން ފަލަސްތީނުގެ ޣައްޒާގައި ދައުރުކުރަމުންދާ ކަމަށް އދ ގެ އިންސާނީ ކަންކަމާއި ބެހޭ އޮފީހުން ބުނެފިއެވެ.

ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުން މި ކާނާގެ ދަޅުތައް ހުޅުވާލުމާއި އެކީ އޭގައި ޔަހޫދީން މަކަރުވެރި ކަމާއި އެކީ ހަރުކޮށްފައި ހުންނަ ބޮން ގޮވައެވެ.

މި ފަދަ ކާނާ ދަޅު ބޮން ތަކުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް އެންމެ ފަހުން ޔަހޫދީންގެ މި އަނިޔާވެރި އުކުޅު ދުނިޔޭގެ ސަމާލުކަމަށް އައިސްފައިމިވަނީ މި ފަދަ ކާނާ ދަޅު ބޮމެއް ހުޅުވުމުން ލިބުނު ޒަހަމްތަކުގައި ޣައްޒާގެ އުމުރުން 14 އަހަރުގެ ކުއްޖެއްގެ ފައި ބުރިކޮށްލަން ޖެހުމުންނެވެ.

ފަލަސްތީނުގެ 14 އަހަރުގެ މި ފިރިހެން ކުއްޖާ އަށް އޭގެ ބޮން ހަރުކޮށްފައިވާ ކާނާ ދަޅެއް ފެނުނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގައި ޔަހޫދީން ދިން ހަމަލާތަކުގައި މުޅިން ސުންނާފަތިވެފައިވާ އެ ކުއްޖާގެ ގެ އަށް ގޮސް އޭނާގެ ސާމާނުތައް ހޯދަމުން ދަނިކޮށެވެ. އޭނާ އަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލްގައި ފަރުވާދީފައި ވީ ނަމަވެސް އެ ކުއްޖާ މުޅި އުމުރަށް އެއްފައި ނެތް ނުކުޅެދޭ ކުއްޖަކަށް ވަނީ ވެފައެވެ.

ޔަހޫދީންގެ މި މަކަރުވެރި ކާނާ ބޮން ތައް ހުޅުވައިގެން ފަލަސްތީނުގެ ޣައްޒާގެ އާންމުންގެ އެތައް ބަޔަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.