ނިރުބަވެރި އިސްރާއީލުން ޣައްޒާގެ މިސްކިތަކަށް ހަމަލާދީފިއެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން ހަމަލާދީފައިވަނީ ޣައްޒާގެ ޚާން ޔޫނިސްގެ އިރުމަތީ އަވަށެއް ކަމަށްވާ ފުޚާރީގައި ހުންނަ މިސްކިތަކަށެވެ. ނިރުބަވެރިންގެ މި ހަމަލާގައި މިސްކިތަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ނިރުބަވެރި އިސްރާއީލުން ޚާން ޔޫނިސް އާއި ކައިރީގައި ހުންނަ މިސްކިތަކަށް ހަމަލާދީފައިވާއިރު، ޣައްޒާގެ ދެ އަވަށެއް ކަމަށްވާ އަލް-މުޤްރަޤާއާއި އަޒް-ޒަހްރާއަށް ވެސް ވަނީ ހަމަލާތަކެއް ދީފައެވެ. މި ހަމަލާގައި ވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާގެ އެތަކެއް އިމާރާތްތަކެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. އޭގެ ތެރޭގައި ސްކޫލް، މިސްކިތްތައް، އާންމު ދިރިއުޅޭ އިމާރާތްތައް، ހޮސްޕިޓަލްތައް، ރެފިއުޖީ ކޭމްޕްތައް، މިސްކިތްތަކުގެ އިތުރުން އާންމުން ހިދުމަތް ހޯދަމުން އަންނަ ތަންތަން ހިމެނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ވަނީ މިއަހަރުގެ ޖެނުއަރީ އާއި ހަމައަށް ޣައްޒާގެ އެކި ސަރަހައްދުތަަކުން 100 އަށްވުރެ ގިނަ މިސްކިތްތައް ސުންނާފަތި ކޮށްލާފައެވެ. އެހެން ކަމުން މިއަދާއި ހަމައަށް މި އަދަދު އިތުރުވާނެ ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.