ޣައްޒާގައި އިޒްރާއީލުން ހިނަގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ޖަޕާނުގެ ޔުނިވާސިޓީ ދަަރިވަރުންވެސް މުޒާހަރާ ކުރަން ފަށައިފިއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ވަސެދާ ޔުނިވާސިޓީގައި ދަރިވަރުން އަންނަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ދިހަވަރަކަށް ދަރިވަރުން ނުކުމެ އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓާލައި ފަލަސްތީން މިނިވަން ކުރުމަށް ދަނީ ގޮވާލަމުންނެވެ. އަދި އިސްރާއީލުން ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ ޝިއާރުތައް ލިޔެފައިވާ ބޯޑުތަކާއި ބެނާތައް ހިފައިގެން ތިބިތަން ފެނެއެވެ.

މީގެ ކުރިން ވެސް ޖަޕާނުގައި އާންމުން ވަނީ މަގުތަކަށް ނުކުމެ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި، އިސްރާއީލުން ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ކަމަށް ބުނެ އެކަމާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

ޖަޕާނުގެ އިތުރުންވެސް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން އޮސްޓްރޭލިއާ، ކެނެޑާ، އަދި ފަރަންސޭސިވިާތުގެ ޔުނިވާސިޓިތައް ހިމެނެއެވެ.

ފަލަސްތީނަށް ތާއީދުކޮށް ޔުނިވާސިޓީތަކުގެ މުޒާހަރާތައް ފެށިގެންދިޔައީ އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީގެ ދަރިވަރުންތަކެއް ނުކުމެ އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރަން ފެށުމުންނެވެ. އޭޕްރީލް 17 ވަނަ ދުވަހު ފެށި އެ މުޒާހަރާތައް އެމެރިކާގެ ބޮޑެތި ޔުނިވާސިޓީތަކުގައި އަދިވެސް އަންނަނީ ކުރަމުންނެވެ. މުޒާހަރާތަކާ ގުޅިގެން އެމެރިކާ ފުލުހުން ވަނީ މިހާތަނަށް 2،100 އަށްވުރެ ގިނަ ދަރިވަރުން ހައްޔަރުކޮށްފައެވެ.

ޣައްޒާގެ ވެރިކަން ކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް ބުނެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުގެ ނިރުބަަވެރި ސިފައިން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34،654 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ އަންހެންނާއި ކުޑަކުދިންނެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 77،908 އަށް ވަނީ އަރައިފައެވެ.