ޣައްޒާގައި ޔަހޫދީން ހިންގަމުންދާ އަނިޔާވެރި ޖަރީމާއާ ގުޅިގެން މެލޭޝިއާގައި ހިންގި ބޮއިކޮޓް ހަރަކާތްތަކުގެ ސަބަބުން މެލޭޝިއާގައި ހުންނަ ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިން ކޭއެފްސީ ހިންގާ ކުންފުނިން އެ ކުންފުނީގެ ރެސްޓޯރެންޓްތައް ބަންދު ކޮށްފިއެވެ.

ކިއޫއެސްއާރު ބްރޭންޑްސް ހޯލްޑިންގްސް އިން ބުނެފަައިވަނީ މެލޭޝިއާގައި އެކުންފުނިން ހިންގަމުންދާ ކޭއެފްސީގެ ރެސްޓޯރެންޓްތައް ވަގުތީ ގޮތުން ބަންދުކުރަން އެ ކުންފުނިން ނިންމާފައިވަނީ ކުންފުންޏަށް ދިމާވި މާލީ ދަތި ތަކާއި ގުޅިގެންނެވެ. އަދި ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިކަން ފިލާދިޔުމުން އަދި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ވުމުން އަނެއްކާ ވެސް ބަންދު ކުރި އައުޓްލެޓްތައް ހުޅުވާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މެލޭޝިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ކޭއެފްސީގެ އައުޓްލެޓްތައް ބަންދުކުރަން އެ ކުންފުންޏަށް މަޖުބޫރުވީ ކޭއެފްސީ އިން ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އަށް އެހީދޭ ކަމަށް ބުނެ މެލޭޝިއާގައި ކޭއެފްސީ ބޮއިކެޓް ކުރަން ގޮވާލި ގޮވާލުންތަކާއި ގުޅިގެން އާންމުން ކޭއެފްސީ އަށް އައުން މަދުވެ ވިޔަފާރި ދަށްވުމުންނެވެ.

ކޭއެފްސީގެ އިތުރުން އެހެން ބައެއް ބައިނަލްއަޤްވާމީ ބުރޭންޑްތައްވެސް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އަށް އެހީދޭ ކަމުގެ ތުހުމަތުގައި އެ ބުރޭންޑްތައް ވެސް ބޮއިކަޓް ކުރަން މެލޭޝިއާގައި ވަނީ ގޮވާލާފައެވެ. މެލޭޝިއާގެ އާބާދީގެ 60 އިންސައްތަ އަކީ މުސްލިމުންނެވެ.

މެލޭޝިއާގެ ކޭއެފްސީ ހިންގާ ކުންފުނިން ބުނެފައިވަނީ ކޭއެފްސީ އައުޓްލެޓް ތަކުގައި މަސައްކަތް ކުރާ މެލޭޝިއާގެ ރައްޔިތުން އެ ކުންފުނީގެ އެހެން ފިހާރަ ތަކަށް މިހާރު ބަދަލުކޮށްފައިވާނެ ކަމަށާއި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ.

އެ ކުންފުންޏަކީ މެެލޭޝިއާގައި 50 އަހަރު ވަންދެން ހިދުމަތް ކޮށްފައިވާ ކުންފުންޏެއް ކަމަަށާއި އަބަދުވެސް އެ ކުންފުނީގެ އަމާޒަކީ މެލޭޝިއާގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ އެ ގައުމުގެ އިގުތިސޯދު ކުރިއެރުވުން ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކުންފުނިން ބުނެފައިވަނީ ކޭއެފްސީ މެލޭޝިއާގެ އައުޓްލެޓް ތަކުގައި މެލޭޝިއާގެ 18،000 ރައްޔިތުން މަސައްކަތް ކުރާ ކަމަށާއި އޭގެތެރެއިން 85 އިންސައްތަ އަކީ މުސްލިމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ރާއްޖޭގައިވެސް ބަންދު ކުރަންވީ
    ޔަހޫދީންގެ އެމީހުންގެ މުދާ ނުގަންނަންވީ.
    ޔާﷲ ފަލަސްޠީންގެ މުސްލިމުން ރައްކާތެރިކުރައް ވާންދޭވެ އާމީން

  2. ވަގުންގެ ރާއްޖެ

    ރާއްޖޭގެ މުސްލިމު އާބާދީ އަކީ 100 ޕަސެންޓް
    މިކަން ރާއްޖޭ އަކުން ނުވި