މެލޭޝިއާގެ ކަނޑުގެ ސިފައިންގެ ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 10 ފަޅުވެރިން މަރުވެއްޖެއެވެ.

ރޯޔަލް މެލޭޝިއާ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދެ މަތިންދާބޯޓު ޖެހިފައިވަނީ މިއަދު ހެނދުނު ނޭވީގެ މައި މަރުކަޒު ހުންނަ އުތުރު ލުމުޓްގައި ވައިގެ ތަމްރީނުތަކުގައި ބައިވެރިވަމުން ދަނިކޮށް ކަމަށެވެ.

އެއް ހެލިކޮޕްޓަރު އެތަނުގައި ހުރި ސްޓޭޑިއަމްގެ ސިޑިމައްޗަށް ވެއްޓުނު އިރު، ދެވަނަ ހެލިކޮޕްޓަރު ވެއްޓުނީ ސްވިމިން ޕޫލެއް ކައިރިއަށެވެ.

މެލޭޝިއާގެ ކަނޑުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެއް ހެލިކޮޕްޓަރުގައި ހަތް ފަޅުވެރިން ތިބި ކަމަށާއި އަނެއް ހެލިކޮޕްޓަރުގައި ތިބީ ތިން ފަޅުވެރިން ކަމަށެވެ. މި އެކްސިޑެންޓް ހިނގި ދެ އުޅަނދުގައި ތިބި އެންމެން ވެސް މަރުވެފައިވާ ކަން ވަނީ ކަށަވަރުވެފައެވެ.

އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގީ ބޯޑެއް އެކުލަވާލާނެ ކަމަށް ވެސް މެލޭޝިއާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ މިހާދިސާއަކީ ހިތް ހަލާކުވި، ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވައި އެ ހާދިސާގެ ތަހުގީގެއް ކުރައްވާނެ ކަން ކަށަވަރު ކޮށްދެއްވާފައެވެ.

ދެ ހެލިކޮޕްޓަރު ބިންމައްޗަށް ވެއްޓުމުގެ ކުރިން އެއް ހެލިކޮޕްޓަރު އަނެއް ހެލިކޮޕްޓަރުގެ ފަހަތުގައި ޖެހޭ މަންޒަރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.

ހެލިކޮޕްޓަރުގެ ފަޅުވެރިން ތަމްރީނު ކުރަމުން ދިޔައީ މި ފެށޭ މޭ މަހުގެ ތިން ވަނަ ދުވަހު، އެގައުމުގައި ކަނޑުގެ ސިފައިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވަން ހަމަޖެހިފައިވާ ހަރަކާތްތަކަށެވެ.