މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމަށް އައުމަށް އިސްރާއީލުގެ އަސީރުންގެ އާއިލާތަކުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ގޮވާލައިފިއެވެ.

އިސްރާއީލުގެ ޗެނަލް ސެވަން މީޑިއާ އިން މައުލޫމާތުދޭ ގޮތުގައި އިސްރާއީލްގެ ސިޔާސީ ވެރިން ބޭނުން ވަނީ ހަމާސް އާއި އެކީ މަޝްވަރާތައް ފެއިލް ވުމަށް ކަމަށާއި މި ޑީލް ނާކާމިޔާބު ކޮއްލަން ސިޔާސީވެރިން ބޮޑުވަޒީރު ބެންޖަމިން ނަޔަންޔާހޫ އަށް ސިޔާސީގޮތުން ވަރަށް ޕުރެޝަރު ކުރާނެ ކަމަށް ވެސް އެ އާއިލާތަކުން ވަނީ ބުނެފައެވެ.

ނަމަވެސް ޣައްޒާގައި ހައްޔަރުގައި އެ ތިބީ އިސްރާއީލްގެ ރައްޔިތުން ކަމަށާއި އެހެން ކަމުން ސިޔާސީ ޕުރެޝަރަށް ބެލުމެއް ނެތި އެމީހުން މިނިވަން ކުރެވޭނެ މަގެއް ބޮޑުވަޒީރު ނަތަންޔާހޫ ހޯދަން ޖެހޭނެ ކަމަށް އަސީރުންގެ އާއިލާތަކުން ވަނީ ބުނެފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ ސަރުކާރު އެކުލެވިގެން ވަނީ ކޯލިޝަނެއްގެ މައްޗަށެވެ. ސަރުކާރުގެ މި ކޯލިޝަނުގައި ހިމެނޭ ހަރުކަށި ފިކުރުގެ މިނިސްޓަރުން މިހާރު ވެސް ވަނީ ނަތަންޔާހޫގެ ސަރުކާރުން ހަމާސް އާއި އެކީ ސުލްހައިގެ އެއްބަސްވުމަކަށް އައިސްފި ނަމަ ކޯލިޝަން ސަރުކާރު ދޫކޮށްލާނެ ކަމުގެ އިންޒާރުދީފައެވެ.

މިއީ ހިތްވަރުދެއްކުމަށް ފަހު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރަންވީ ވަގުތު ކަމަށާއި އިސްރާއީލްގެ 132 ރައްޔިތުން ޣައްޒާގައި މަރުވާން ދޫކޮށްލައިފި ނަމަ އިސްރާއީލުގެ ތާރީހު ނަތަންޔާހޫ ހަދާންކުރާނީ އަނިޔާވެރިއެއްގެ ގޮތުގައި ކަމަށް އަސީރުންގެ އާއިލާތަކުން ވަނީ ބުނެފައެވެ.