ލޭބަރ ޕާޓީގެ ފަރާތުން އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގެ މޭޔަރު ކަމަށް ވާދަކުރެއްވި ސާދިގު ޚާން ތިން ވަނަ ފަހަރަށް ލަންޑަންގެ މޭޔަރު ކަމަށް އިންތިހާބު ވެއްޖެއެވެ.

މިއާއި އެކު ސާދިގު ޚާން ވަނީ އިނގިރޭސި ސިޔާސީ ދާއިރާގެ ތާރީހުގެ ތެރެއަށް ވަދެފައެވެ. އެއީ އޭނާ އަކީ މޭޔަރު ކަމުގެ އިންތިހާބު ޖެހިޖެހިގެން 3 ފަހަރަށް ކާމިޔާބުކުރި ހަމަ އެކަނި ސިޔާސީފަރާތެވެ.

ސާދިގު ޚާންގެ މި ފަހަރުގެ ކެމްޕެއިންގައި އޭނާ އަށް ވަނީ ކުރިން ދެ ފަހަރު ވެސް ދިމާވެފައި ނުވާ ގޮށްޖެހުންތަކާއި ކުރިމަތިވެފައެވެ. އެ ގޮތުން އިދިކޮޅު ސިޔާސީ ފާޓީ ކޮންސަވޭޓިވް ޕާޓީން ވާދަކުރި ކެންޑިޑޭޓް ވަނީ މޭޔަރު ކެމްޕެއިންގެ ތެރެއިން ސާދިގު ޚާން އަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ވެސް އޭނާ އަށް އަމާޒުކޮށްފައެވެ.

ސާދިގު ޚާންގެ ކެމްޕެއިންގެ މޮޓޯ އަކީ ލަންޑަނަކީ މީހުން ދިރިއުޅެށް ރައްކާތެރި އަދި ފެހިކަން ގަދަ ސިޓީއަކަށް ހެދުމެވެ. ނަމަވެސް އޭނާގެ ލޭބަރު ޕާޓީއާއި ދެކޮޅު ސިޔާސީ ޕާޓީ ކޮންސަވޭޓިވްގެ ކެންޑިޑޭޓް ސޫސަން ހެލީ ވަނީ ސާޖިދު ޚާން މޭޔަރެއްގެ ގޮތުގައި ލަންޑަނުގެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބޮޑުތަނުން ފެއިލްވެފައިވާ ކަމަށް ބުނެފައެވެ.

ލަންޑަނަކީ ފެހިތަނެއްގެ ގޮތުގައި ވެސް ނުހެދުނު ކަމަށާއި ލަންޑަނަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ވެސް ސާދިގު ޚާން އަކަށް ނުބޭއްވުނު ކަމަށް ސޫސަން ވަނީ އޭނާގެ ކެމްޕެއިން ޖަލްސާތަކުގައި އެތައް ފަހަރަކު ބުނެފައެވެ. އެ ގޮތުން މިދިޔަ އަހަރު އެކަނި ވެސް ލަންޑަނުގައި ވަޅިން ދިން ހަމަލާތަކުގެ ނިސްބަތް ވަނީ 20 އިންސައްތަ އިތުރުވެފައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް ވާދަވެރިންގެ ވަރުގަދަ އެންޓި ކެމްޕެއިން އާއި އެކު ވެސް ސާޖިދު ޚާން މި ވަނީ ބޮޑު ތަފާތަކުން އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަނުގެ މޭޔަރު އިންތިހާބު ކާމިޔާބު ކޮށްފައެވެ.

ސާދިގު ޚާން ވަނީ އޭނާގެ އިންތިހާބު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ކެމްޕެެއިންގެ ތެރޭގައި އޭނާ އާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރަން ބޭނުން ކުރި އުކުޅުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ސާދިގު ޚާން މި އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ އޭނާ އާއި އެންމެ ކައިރިން ވާދަކުރި ކޮންސަވޭޓިވް ޕާޓީގެ ކެންޑިޑޭޓް ސޫސަން ހޭލީ އަށް ވުރެ 275،000 ވޯޓް އިތުރަށް ހޯދައިގެންނެވެ. ސާޖިދް ޚާން އަށް ވަނީ ވޯޓުލީ މީހުންގެ 44 އިންސައްތަ ވޯޓު ލިބިފައެވެ.

3 ވަނަ ފަހަރަށް ލަންޑަންގެ މޭޔަރު ކަަމަށް އޭނާ ހޮވައިދިން ކަމަށްޓަކައި އޭނާ ވަނީ ލަންޑަނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފްކަމަށް ވެސް ވަނީ ބުނެފައެވެ.

ސާދިގު ޚާން އަކީ ޕާކިސްތާން ނަސްލަށް ނިސްބަތްވާ އާއިލާ އަކުން އައިސްފައިވާ މުސްލިމު ބޭފުޅެކެވެ.