ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 34،600 އަށްވުރެ މައްޗަށް އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 34،683 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި އެކިވަރުގެ ޒަހަމްތައް ލިބުނު މީހުންގެ އަދަދު ވަނީ 78،018 އަށް އަރާފައެވެ.

މިއަދަދު އިތުރުވެފައިވަނީ ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންނާއި އެކީއެވެ. ނަމަވެސް އެވަގުތުގައި ނިރުބަވެރިން ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދެއް އަދި އެނގިފައެއް ނުވެއެވެ.

ޝަހީދުވެފައިވާ މީހުންގެ އަދަދު މިއަށްވުރެ މާ އިތުރުވާނެ ކަމަށް ބެލެވޭއިރު، އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިވެ ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރޭގައި އެތައް ހާސް ބައެއްގެ ހަށިގަނޑު ވަޅުލެވިފައިވާ ކަމަށް ބެލެވެއެވެ.

ނިރުބަވެރި އިސްރާއީލުގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވެފައިވާ ތަންތަނުގެ ތެރޭގައި ސްކޫލްތައް، ހޮސްޕިޓަލްތައް، އާންމުން ދިރިއުޅޭ ގެތައް، ރެފިއުޖީ ކޭމްޕްތައް، މިސްކިތްތަކުގެ ތެރެއިން އާންމު ދިރިއުޅުމުގައި ގިނަ ބަޔަކު ދާ ތަންތަން ހިމެނެއެވެ.

އިސްރާއީލުން ދެމުން އަންނަ ހަމަލާތަކަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލާއި ދެކޮޅަށް ދިން ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެކެވެ.