ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިދިޔަ އަހަރުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކަށް ސުލްހަވެރި ނިމުމެއް އަންނަށް ބޭނުންވާ ކަމަށާއި، ނަމަވެސް އެ އެއްބަސްވުން އަންނަންވާނީ ހަމާސް ޖަމާއަތް އަޅުވެތިވާ ގޮތަށް ނޫން ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސް ޖަމާއަތާއި ޔަހޫދީ އިސްރާއީލާއި ދެމެދު ހިނގަމުންދާ ސުލްހައިގެ މަޝްވަރާ ތަކުގެ ތެރޭގައި ހަރަކާތްތެރިވާ ފަރާތަކުން ބުނެފައިވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިސްރުގެ ވެރި ރަށް ޤާހިރާ އަށް ދިޔައީ ސުލްހައިގެ އެއްބަސްވުމެއްގެ ވަރަށް ބޮޑު އުންމީދުގައި ކަމަށެވެ.

" ހަމާސް އިން ބޭނުން ވަނީ ހަމަލާތައް ހުއްޓާލައި އިސްރާއީލުގެ ސިފައިން އެއްކޮށް ފަލަސްތީނުގެ ޣައްޒާ އިން ފޭބުމަށް. ނަމަވެސް އަދިވެސް ޣައްޒާ އިން އެމީހުންގެ އަސްކަރިއްޔާ އެއްކޮށް ބާލަން އިސްރާއީލުން އެއްބަހެއް ނުވޭ. އެ ކަމުގެ ސަބަބުން އަދިވެސް ސުލްހައިގެ އެއްބަސްވުމަކާއި ހަމައަށް ނާދެވިގެން އެ އުޅެނީ." ފަލަސްތީނުގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ފަލަސްތީނުގެ މީޑިއާތަކުން ބުނެފައިވަނީ ސުލްހައިގެ މަޝްވަރާތަކުގައި ދަތި އުނދަގޫ ވަގުތުތަކެއް މިހާރު އައިސްފައިވާ ކަމަށާއި، އެއީ އިސްރާއީލުގެ އަސްކަރިއްޔާ އިން ހަމަލާތައް މުޅިން ހުއްޓާލުމަށް އެއްބަސްނުވާތީ ކަމަށެވެ.

ޔަހޫދީން ބޭނުންވަނީ ހަމާސްގެ ހައްޔަރުގައި ތިބި އަސީރުންގެ ތެރެއިން 130 އަސީރުން މިނިވަން ކުރަން ކަމަށާއި ނަމަވެސް ހަނގުރާމަ ނިންމަން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން އެއްބަސްވާން ބޭނުން ނުވާކަމަށް ފަލަސްތީނުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ހަމާސް ޖަމާއަތުން ބޭނުން ވަނީ ހަނގުރާމައަށް ދާއިމީ ހައްލެއް ކަމަށާއި އަދި ފަލަސްތީނުގެ މިލިއަނަކަށް ވުރެ ގިނަ މީހުން ތާށިވެފައި ތިބި ޣައްޒާގެ ރަފަހް އަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން އެއްގަމު މަގުން ނާރާނެ ކަމުގެ ޔަޤީން ކަން ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން ވެސް ހަނގުރާމަ ހުއްޓާލައި ސުލްހަ ބޭނުންވެއެވެ. ނަމަވެސް އެ ސުލްހަ ބޭނުންވަނީ އަޅުވެތިވެގެން ނޫން ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.