ހޫނުގަދަވުމުގެ ސަބަބުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބަންދު ކުރި ބަންގްލަދޭޝްގެ ސްކޫލުތައް އާދީއްތަ ދުވަހު އަލުން ހުޅުވައިފިއެވެ.

އެ ގައުމުގައި ކިޔެވުން މެދުކަނޑާލީ ހޫނުމިން 40 ޑިގްރީ ސެންޓިގްރޭޑަށް ވުރެ މައްޗަށް ދިއުމުންނެވެ.

އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށް ޕްރެޝަރު ބޮޑުވެ، 33 މިލިއަނަށް ވުރެ ގިނަ ދަރިވަރުންނަށް ސްކޫލްތައް އަލުން ހުޅުވާފައިވާއިރު، ބަންގްލަދޭޝްގައި މިދިޔަ ހަފުތާގައި ހޫނުމިން 43.8 ސެލްސިއަސް (110.84 ޑިގްރީ ފެރެންހައިޓް) އަށް އަރާފައި ވެއެވެ.

މިއީ ފާއިތުވެދިޔަ 70 އަހަރު ތެރޭގައި ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މި ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ހީޓްވޭވްގައި މަރުވެފައިވާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހޫނު މޫސުމުގައި ގިނައިން، ސީރިއަސް އަދި ދިގު މުއްދަތަކަށް ހޫނު ގަދަވުން ފަދަ ކަންކަން ކުރިމަތިވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އދ.ގެ ކުޑަކުދިންގެ އިދާރާއިން އަންދާޒާކޮށްފައިވާ ގޮތުގައި ބަންގްލަދޭޝްގެ ކޮންމެ ތިން ކުއްޖަކުން އެކަކު ނުވަތަ ގާތްގަނޑަކަށް 20 މިލިއަން ކުޑަކުދިންނަކީ ކޮންމެ ދުވަހަކު ވެސް މިފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ޝިކާރައަކަށް ވާ ކުދިންނެވެ.