ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއެއްގައި އިސްރާއީލުގެ ބަޔަކަށް ސީރިއަސް އަނިޔާތަކެއް ވެގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ހަމާސް ޖަމާއަތުން އިސްރާއީލާއި ޣައްޒާ ބޯޑަރު ކައިރީގައި އޮންނަ ކެރެމް ޝަލޮމް ސަރަހައްދަށް ރޮކެޓް ހަމަލާތަކެއް ދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ހަމަލާގައި އަނިޔާވި މީހުންނަށް ފަރުވާ ދެމުން އަންނަނީ ބީރްޝެބާގެ ސޮރޮކާ ހޮސްޕިޓަލުގައެވެ.

އެހޮސްޕިޓަލާއި ހަވާލާދީ މީޑިއާތަކުން ބުނީ ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެމީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. ތިން މީހެއްގެ ހާލު މެދުމިނުގައި އުޅޭއިރު، ބާކީ ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލުން ބުނެފައިވަނީ ހަމަލާގައި އަނިޔާވި މީހުންގެ ތެރެއިން ފަސް މީހަކު އޮޕަރޭޝަންތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ހޮސްޕިތަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ބައެއް މީހުން މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ދިން މި ހަމަލާގައި ތިން މީހަކު މަރާލާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.