ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެކޮޅަށް ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގައި އާންމުން ޝަހީދުވަމުންދާތީ އެކަމާއި ދެކޮޅަށް ކޭމްބުރިޖް އަދި އޮކްފޯޑް ޔުނިވާސިޓީގައިވެސް ދަރިވަރުން މުޒާހަރާ ކުރަމުން އެބަދެއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި ކޭމްބުރިޖް ޔުނިވާސިޓީ އަކީ މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ އަދި މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ދެ ޔުނިވާސިޓީއެވެ. ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރުމަށް ޓަކައި ދަރިވަރުން މިހާރުވަނީ އެ ދެ ޔުނިވާސިޓީގެ ގޯތި ތެރޭގައޮ ކޭމްޕުތައް ޖަހާފައި ކަމަށް އިނގިރޭސި މީޑިއާ އިން މައުލޫމާތުދެއެވެ.

މި މުޒާހަރާތައް އިންތިޒާމް ކުރާ ދަރިވަރުން ބުނެފައިވަނީ މި ކޭމްޕުތައް ޖެހުމުގެ މަޤްޞަދަކީ ފަލަސްތީނުގެ ރައްޔިތުންނާއި އެކީ ތިބިކަން ހާމަކޮށްދިނުން ކަމަށާއި މި ކޭމްޕްތައް ނަގާނެ ވަކި ތާރީހެއް އަދި ނުނިންމާ ކަމަށެވެ.

އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ އަލް ޖަޒީރާގެ ނޫސްވެރިން ވަނީ އޮކްސްފޯޑް ޔުނިވާސިޓީގައި ކޭމްޕު ޖަހާފައިވާ ސަރަހައްދަށް ގޮސްފައެވެ. އަދި އެ ސަރަހައްދުގައި އޮކްސްފޯޑް ޔުނިވާސިޓީގައި ކިޔަވަމުންދާ 50 ދަރިވަރުން ކޭމްޕުތަކުގައި ދިރިއުޅެން ފަށާފައިވާ ކަމަށާއި މިހާރު އެ ސަރަހައްދުގައި ރިފްރެޝްމެންޓް ޓެންޓަކާއި މީޑިއާތަކަށް ހާއްސަކޮށްގެން ވެސް ޓެންޓެއް ގާއިމުކޮށްފައިވާ ކަމަށް ނޫސްވެރިން ވަނީ ރިޕޯޓު ކޮށްފައެވެ.

" އަހަރެމެންގެ އޮތީ ހަމަ އެންމެ ޑިމާންޑެއް. އެއީ އަހަރެމެންގެ ޔުނިވާސިޓީން، އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އަށް ފަންޑުކުރާ ކުންފުނިތަކާއި އޮންނަ މާލީ ގުޅުންތައް ކަނޑާލުން. އަހަރެންނަކީ ވެސް ޔަހޫދީ އެއް ނަމަވެސް އިސްރާއީލްގެ އަނިޔާވެރިކަމުން ދުނިޔޭގެ ހުރިހާ ޔަހޫދީންނަށް ވެސް ލިބެނީ ވަރަށް ހުތުރު ނަމެއް." އޮކްސްފޯޑް ޔުނިވާސިޓީގައި ތައުލީމު ހާޞިލްކުރަމުންދާ އެމެރިކާގެ ދަރިވަރެއް ކަމަށްވާ ކެންޑަލް ގާރްޑްނާ ވަނީ އަލް ޖަޒީރާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަމަލާތަކާއި ދެކޮޅަށް އެމެރިކާ އާއި ޔޫރަޕުގެ ބޮޑެތި ސިޓީތަކުގެ މަޝްހޫރު ޔުނިވާސިޓީތަކުގެ ދަރިވަރުން ދަނީ ވަރަށް ވަރުގަދަ މުޒާހަރާތައް ކުރަމުންނެވެ.