ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވަރުގަދަ ރެއިޑްތަކެއް ހިންގައިފިއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ދަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިންގާ ރެއިޑްތައް ދުވަހަކަށް ވުރެ ދުވަހެއް އިތުރުކުރަމުންނެވެ. މި ގޮތުން ރޭގައި އަދި މިއަދު ވެސް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ އަވަށްތަކަށް ވަދެ ހަމަނުޖެހުން ހިންގާ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރަށާއި ގެންގުޅޭ ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންދީފައެވެ.

ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން މައުލޫމާތުދޭ ގޮތުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ރޭގައި ވަނީ ހުޅަނގު އައްސޭރީގެ ރާމުއްﷲ ސަހަރު ކައިރީގައި އޮންނަ ޖަލަޒޯން ރެފިއުޖީ ކޭމްޕަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ. އަދި ޔަހޫދީން ވަނީ މި ރެފިއުޖީ ކޭމްޕުން ފަލަސްތީނުގެ 3 މީހަކު ހައްޔަރުކޮށްފައެވެ.

ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގެ ހިބްރޮން ސަހަރުގެ ކައިރީގައިވާ އަލް ސަމު އަދި ބެއިތް ޚަލިލް އަވަަށަށް އަރައި ރެއިޑް ކުރިއަށް ގެންގޮސްފައެވެ. އަދި އެ ދެ އަވަށުގައި ފަލަސްތީނުގެ ރައްޔިތުންގެ ގެ ތަކަށް ވަދެ ބަލައިފާސްކުރުމުގެ ތެރޭގައި ޔަހޫދީން ވަނީ އެތައް ގެ އަކަށް ގެއްލުންދީފައެވެ. މި ދެ އަވަށުގައި ޔަހޫދީ އިސްރާއީލުން ވަނީ އައު އަސްކަރީ ޗެކް ޕޮއިންޓް ތަކެއް ވެސް ޤާއިމްކޮށްފައި ކަމަށް ވަފާ ނިއުސް އެޖެންސީ އިން ބުނެއެވެ.

މީގެ އިތުރުން ޔަހޫދީން ވަނީ ނަބްލުސް ސަހަރުގެ ކައިރީގައިވާ ބެއިތާ އަވަށާއި ރުޖީބް އަވަށުގައި ވެސް ރެއިޑް ކުރިއަށް ގެންގޮސް ދެ މީހަކު ހައްޔަރުކޮށްފައެވެ. އަދި ބެތަލްހަމް ސަހަރު ކައިރީގައި އޮންނަ ހުސަން އަވަށުންނާއި ތުބަސް ސަހަރުގެ ދެކުނަށް އޮންނަ ތަމުމް އަވަށުން ވެސް ފަލަސްތީނުގެ ޒުވާނަކު ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ހައްޔަރުކޮށްފައެވެ.