ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް އިނގިރޭސިވިލާތުގެ 30 އެންޖީއޯއަކުން އެގައުމުގެ ސަރުކާރަށް ގޮވާލައިފިއެވެ.

ނިރުބަވެރި އިސްރާއީލުން ރަފާހަށް އަރައިގަނެ، އެމީހުން ހިންގަމުން އަންނަ އޮޕަރޭޝަން އިތުރަށް ފުޅާކޮށްފައިވާތީ އެކަމާއި ގުޅޭ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ އެންޖީއޯތަކުގެ ތެރޭގައި އެކްޝަން އެއިޑް ޔޫކޭ، ކްރިސްޓިއަން އެއިޑް ޔޫކޭ، ކެއާ އިންޓަނޭޝަނަލް ޔޫކޭ، އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ ޔޫކޭގެ އިތުރުން މެޑިކަލް އެއިޑް ފޯ ފަލަސްތީނިއަން، އޮކްސްފެމް ޖީބީ އެންޑް ސޭވް ޗިލްޑްރެން ޔޫކޭ ފަދަ ބޮޑެތި އެންޖީއޯތައް ހިމެނެއެވެ.

މި ހުރިހާ އެންޖީއޯތައް ސޮއިކޮށް ނެރެފައިވާ ބާޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ ސިޔާސީ ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް އެތަކެއް ފަހަރު މަތިން އިސްރާއީލުން ބޮލާލާ ޖަހާފައިވާ ކަމަށެވެ.

އެހެން ކަމުން އެ އެންޖީއޯތަކުން ވަނީ ނިރުބަވެރިން ހިންގަމުން އަންނަ ގަތުލު އާންމު ވަގުތުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލާފައެވެ.

"އިނގިރޭސިވިލާތުން ވަގުތުން މަސައްކަތް ކުރަން ޖެހޭ އިސްރާއީލުން ރަފާހުގައި ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް، އިތުރަށް ކުރިއަށް ނުގެންދިއުމަށް. ޔޫއެންއާރްޑަބްލިއުއޭއަށް ފަންޑު ކުރަން އަލުން ފަށަން ޖެހޭ. އިސްރާއީލަށް ދެމުން އަންނަ ހަތިޔާރު ދިނުން ވެސް ހުއްޓާލަން ޖެހޭ އެމީހުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފުވަންޔާ" ބަޔާނުގައި ބުނެފައިވެއެވެ.

އެންޖީއޯތަކުން ބުނީ، ހަނގުރާމަ ހުއްޓާލުމަކީ ޣައްޒާގައި މީހުން މަރުވުމާއި އިމާރާތްތައް ސުންނާފަތިވުން ނިމުމަކަށް ގެނެވޭނެ ހަމައެކަނި ގޮތް ކަމަށާއި އެކަން ކުރުމުން ނޫނީ ފަރުވާއަށް ބޭނުންވެފައިވާ މީހުންނަށް ފަރުވާ ވެސް ނުދެވޭނެ ކަމަށެވެ. އަދި ރައްކާތެރިކަމާއި އެކީ ރަހީނު ކުރި މީހުން ދޫކޮށްލެވޭނީ ވެސް ހަނގުރާމަ ހުއްޓާލައިގެން ކަމަށް ވަނީ ބުނެފައެވެ.