ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ރަފާހަށް އެރުން މެކްސިކޯ ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މީގެ ދެ ދުވަހެއް ކުރިން ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ އޮޕަރޭޝަނުގެ ތެރެއިން ރަފާހު ހުސްކުރަން އަންގައި، އެތަނަށް ވަދެގަނެ ހަމަލާތަކެއްދީ ވަނީ އެމީހުންގެ އޮޕަރޭޝަން އިތުރަށް ފުޅާކޮށްފައެވެ. އެކަމާއި ގުޅިގެން ގިނަ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާއި ގުޅިގެން މެކްސިކޯގެ ސަރުކާރުން ނެރުނު ބާޔާނެއްގައި ބުނީ، އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ޤާނޫނުތަކާއި ހިލާފުވުން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"ރަފާހާއި ދެކޮޅަށް އިސްރާއީލް ސިފައިން ދިން އަސްކަރީ ހަމަލާތައް މެކްސިކޯ ސަރުކާރުން ކުށްވެރިކޮށް، މިކަމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ އެތައް ހާސް މީހުންގެ ދިރިއުޅުމަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރަން" މެކްސިކޯ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މެކްސިކޯއިން ވަނީ ހަމަޖެހުންތަކަށް އޮތް ހަމައެކަނި ހައްލަކީ ދެ ދައުލަތް ކަމުގައި ބުނެފައެވެ.

ނިރުބަވެރިން ރަފާހުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި މިހާތަނަށް އެތަކެއް ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒިމާން

    އިޒުރޭލު ސިފައިންނަކީ މުސްލިމުން މަރަން ތިބި ބައެއް. އެމީހުން ކިތަންމެ ވަރަކަށް މުސްލިމުން މަރަމުން ދިޔަޔަސް މުސްލިމުންގެ ވެރިންނަށް މާތްވެގެންވާ 02 ޙަރަމްގެ ވެރިންގެ ގޮތުގައި މިދުނިޔޭގައި ތިބި ސައޫދީ އަރަބިއާގެ ރަސްގެފާނާއި އަދި އެހެން ޢަރަބި
    ޤައުމުތަކުގެ ވެރިންނަށް އެއީ އެއްވެސް ބޮޑު ކަމަކަށް ނުވޭ. އެހެންވީމާ، އެމީހުން ބޭނުން ކޮންމެ ކަމެއް ބޭނުން ގޮތަކަށް ކުރަމުންދާނެތާ!