އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ލަސްކޮށް، އެމެރިކާގެ ރައީސް، ޖޯ ބައިޑެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އޭނާ އެކަމުގައި "ސީރިއަސް"ކަން ދައްކަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ރޭގެ ވަގުތެއްގައި ބައެއް ރިޕޯޓްތަކުން ވަނީ އެމެރިކާއިން އިސްރާއީލަށް ބައެއް ކަހަލަ އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުން ލަސްކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. އެގޮތަށް އެމެރިކާއިން އަމަލުކޮށްފައިވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް ނޭރުމަށް އެމެރިކާއިން އަންގާފައި ވަނިކޮށް އިސްރާއީލުން އަރައިގަތުމުން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެމެރިކާއިން ރަސްމީ ގޮތުން ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒްގެ ނޫސްވެރިޔާ، އާމިރް އޮރެން ބުނެފައިވަނީ އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ލަސް ކުރުމަކީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަލްޖަޒީރާއާއި ވާހަކަ ދައްކަމުން އޭނާ ބުނީ، އެމެރިކާގެ މި ފިޔަވަޅަކީ އިސްރާއީލް ބިރުގަންނުވާލަން ނުވަތަ އެމީހުންނާއި ދެކޮޅުކަން ދައްކުވައިދޭ ފިޔަވަޅެއް ކަމަށެވެ. އަދި އެކަމުން ދައްކުވައިދެނީ ބައިޑެންގެ "ސީރިއަސް" ކަން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ބައިޑެން އެ ދައްކާލީ ނަތަންޔާހޫއަށް އޭނާ ސީރިއަސްކަން" އޮރެން ބުންޏެވެ.

ނިރުބަވެރިން ރަފާހަށް އަރައިގަތުމައި އެކީ އެމެރިކާގެ މި ފިޔަވަޅަކީ ރަނގަޅު ފިޔަވަޅެއްތޯ އެހުމުން އޭނާ ބުނެފައިވަނީ "އެއްވެސް ހަނގުރާމައަކީ އެންމެ ފަހު ހަނގުރާމަ ނޫން" ކަމަށެވެ. އޭނާ ބުނި ގޮތުގައި ލުބުނާން ނުވަތަ އީރާނު ފަދަ ގައުމަކާއި ކުރިމަތިލުމަށް އިސްރާއީލުން ހަތިޔާރު ރައްކާ ކުރަން ޖެހޭނެއެވެ. އެހެންކަމުން އެމެރިކާއިން ހަތިޔާރު ހުއްޓުވުން ނުވަތަ ލަސް ކުރުމަކީ މިހާރު ހިނގަމުން އަންނަ ކަމަކާއި ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެއީ ފަހަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.