އެމެރިކާއިން ފޯރުކޮށްދޭ ބޮންތައް އިސްރާއީލުން ބޭނުންކުރުމުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުން މަރުވަމުންދާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.

ސީއެންއެެންއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބައިޑަން ވިދާޅުވީ، ޣައްޒާގެ އާބާދީ ބޮޑު ސަރަހައްދުތަކަށް އިސްރާއީލުން، އެމެރިކާއިން ދޭ ބޮން އެޅުމުގެ ސަބަބުންނާއި އެފަދަ ސަރަހައްދުތަކުގައި އެ ގައުމުގެ ސިފައިން ހަރަކާތްތެރިވާ އެހެން ގޮތްގޮތުގެ ސަބަބުން އާންމު ރައްޔިތުން މަރުވަމުންދާ ކަމަށެވެ.

ބައިޑަން މިހެން ވިދާޅުވީ، އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދޭ 2000 ކިލޯގެ ބޮންތަކުގެ ޝިޕްމެންޓެއް މިދިޔަ ހަފްތާގައި އިސްރާއީލަށް ނުފޮނުވައި ލަސްކުރުމާ ގުޅިގެން އަމާޒުވި ސުވާލަކަށް ޖަވާބުދެމުންނެވެ.

"އެމެރިކާއިން ފޯރުކޮށްދޭ ބޮންތައް ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން އަދި އެ މީހުން (އިސްރާއީލުން) އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ގޮތުން ވެސް ޣައްޒާގެ އާންމުން މަރުވޭ،" ބައިޑަން ވިދާޅުވިއެވެ.

އެމެރިކާއިން ޒަމާނުއްސުރެ އިސްރާއީލަށް އެންމެ ޒަމާނީ އަސްކަރީ އާލާތްތައް ފޯރުކޮށްދެއެވެ. އަދި އޮކްޓޯބަރު ހަތެއްގެ ހަމަލާއަށްފަހު އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އެމެރިކާއިން ދަނީ އާޓިލަރީ ޝެލްތަކާއި ބޮންތައް ފޯރުކޮށްދެމުންނެވެ.

މިއީ އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުގެ ސަބަބުން ޣައްޒާގެ އާންމުން ޝަހީދުވަމުންދާ ކަމަށް އެމެރިކާއިން އެއްބަސްވި ފުރަތަމަ ފަހަރެވެ. އަދި މިއީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގައި އެމެރިކާއިން ކުޅެމުންދާ ރޯލަށް ވެސް އަމިއްލައަށް އެއްބަސްވުން ކަމަށް ބައެއް މާހިރުން ދަނީ ބުނަމުންނެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުންގެ ސަބަބުން އިންސާނީ ކާރިސާއެއް އުފެދިފައިވާއިރު، ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން ބައިޑަންގެ ސަަރުކާރަށް ދަނީ ޕްރެޝަރު އަމާޒުވަމުންނެވެ. އެގޮތުން، އޭނާ ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން ވެސް ޕްރެޝަރު ކުރިމަތިވަމުން އަންނަ އިރު އެމެރިކާގައި އާންމުންނާއި ކޮލެޖު ދަރިވަރުން ދަނީ އެކަމަށް ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

އޭނާގެ ސަރުކާރުން ގެންދިޔައީ މިލިއަނެއްހާ އާންމުން ރައްކާތެރިކަން ހޯދުމަށް ގޮސްފައިވާ ރަފާހްއަށް އިސްރާއީލުގެ ސިފައިން އަރައިފި ނަމަ އިންސާނީ ކާރިސާ އިތުރަށް ފުޅާވެގެންދާނެ ކަމަށް ބުނެ އެކަން ނުކުރުމަށް ކުރިން ވެސް ބާރު އަޅަމުންނެވެ. އެހެންނަމަވެސް، ބައިޑަން ވަރަށް ފަހަކާ ޖެހެންދެން ވެސް ވަނީ އިސްރާއީލާއެކު ދެމިހުންނާނެ ކަމަށް ވިދާޅުވެފައެވެ.

އިއްޔެ އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން ވެސް ވަނީ އިސްރާއީލުން އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުނުކޮށް ރަފާހްއަށް އަރާފާނެތީ، ބޮމުގެ ޝިޕްމެންޓެއް ނުފޮނުވައި އެމެރިކާއިން ލަސްކުރިކަން ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރިނދާ

    ކަލޭ އޭއްޗިހި ދިނީ އިޒުރޭލު މީހުން ރިހަކައްކަން ތަ އަޅެ؟ ބޯގޯސް.

    24
  2. Anonymous

    މަރުވެފަ ވެޔޭ ، މަރަމުން ދަނީ މިހާރުވެސް ، އަދި ކަލޭމެން އޭގެ ތިން ހަތަރުގުނަ އިތުރުކޮއްފަ ބޮންތައްވެސް ދެމުންދަނީ.

    18
  3. ހުސޭނުބޭ

    މި މުނާފިގު ނި އުޅެނީ އޮޅުވާލަން. ރަގަޅު ގޮތަކީ އާންމުން މަރަން އިޒްރޭލަށް ހަތިޔާރު ދީފައިވޭ!

    20
  4. ކަށިކެޔޮ އާދަނު

    ހޭބައްޔާ މިހިރަ ބޮޑުގާތިލާ. ކަލޭމެން އެބޮންތައް އުފެއްދީވެސް އަދި ޓެރެރިސްޓް ޔަހޫދީންނަށް އެބޮންތައްދިނީވެސް އެ ނިކަމެތި މުސްލިމުންކޮޅުމަރާކަށްނޫންތަ!! ކަލޭމެންހިތްހަމަޖެހޭވަރަށް މަރާލާފަ ދެންކޮންއެއްޗެކޭކިޔާކަށްތަ؟؟ އެހެންގައުމުތަކުގެ ރައްޔިތުންގެމޫނުމަތި ރީތިކުރަން ސިފައިންނަށް ތަމްރީނުދެނީޔޯ..

    21
  5. ހުވަދު

    އެމެރިކާއިން ބައިޑަން ވަނީ ގައްޒާގެ އެތައްބަޔަކު މަރާލާފަ. ހީ އިޒް އަ ކްރިމިނަލް.

    22
  6. ހެ

    ހުރިހާ ކަމެއް ކުރަމުންދާއިރު ވެސް،، އަރައިފިއްޔާއޭ ކޮށްކަހަލަ ވާހަކައެއް ދައްކާބައެއް

  7. Anonymous

    ކަލޭ ތިކަމަށް ޒިންމާވާން ޖެހޭނެ. މިއަދު ތިހެން ހުރެވިދާނެ. ދުވަހެއް އެބައޮތް އެދުވަހުން ތިހެން އެއްޗެކޭކިޔަފަ ނިންމާނުލެވޭނެ. ކަލޭ ތީ ބޮޑު ގާތިލެއް!

    10