އިންސްޓަގްރާމުން ކައިވެނީގެ ފޮޓޯތައް ޑިލީޓްކޮށްލުމަށްފަހު ރަންވީރު ސިންގް އޭނާގެ ކައިވެނީގެ އަނގޮޓި ދައްކާލައި ދީޕިކާއާ ދެމީހުންގެ މެދުގައި މައްސަލައެއް ނެތްކަން ހާމަކޮށްދީފިއެވެ.

ރަންވީރު ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ކުރީގެ ގިނަ ފޮޓޯތަކެއް ނަގާފައެވެ. އެގޮތުން މިހާރު ފެންނަން ހުރީ 2023 ވަނަ އަހަރުގެ ޖެނުއަރީއިން ފެށިގެން ރަންވީރު ޕޯސްޓް ކޮށްފައިވާ ފޮޓޯތައް ކަމަށްވެއެވެ.

ރަންވީރު ކުރީގެ ހުރިހާ ޕޯސްޓެއް ނަގާފައިވާއިރު އޭގައި ދީޕިކާއާއި ދެމީހުންގެ ކައިވެނީގެ ފޮޓޯތައް ވެސް ހިމެނޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، އެ މީހުން ނަގާފައިވާ ފަހުގެ ބައެއް ފޮޓޯތައް ފެންނަން ހުރި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެއާއިއެކު ގިނަ ބައެއްގެ ސުވާލުތައް ދަނީ އަމާޒުވަމުންނެވެ. ރަންވީރާއި ދީޕިކާއާއި ދެމެދު މައްސަލައެއް ޖެހިގެން އުޅެނީ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ހުރިހާ ވާހަކަތަކަށް ނިމުމެއް ރަންވީރު ވަނީ ގެނެސްފައެވެ. އޭނާ ރޭ ދިޔަ އިވެންޓެއްގައި އޭނާ ވަނީ ކައިވެނީގެ އަނގޮޓިއާއި އެންގޭޖްމެންޓް އަނގޮޓި ދައްކާލާ އެއީ އޭނާގެ ލޯބިވާ އަނބިމީހާދިން އަގުބޮޑު ހަދިޔާއެއް ކަމަށް ބުނެއެވެ. އެ ދެ އަނގޮޓިއަކީ އޭނާއަށް ވަރަށް މުހިންމު އެއްޗެއް ކަމަށް ވެސް ރަންވީރު ރޭ ބުނެފައިވެއެވެ.

ރަންވީރާއި ދީޕިކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. އެ ދެ ފަންނާނުންނަކީ ވަރަށް އުފާވެރި ދެމަފިރިން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އާންމުންގެ ކުރިމަތީގައި އެ ދެމަފިރިން ފެންނަނީ ވަރަށް ލޯބިން އުޅޭ މަންޒެރެވެ. އެ ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން ވެސް މި ފަހުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު