އެމެރިކާގެ ކެލިފޯނިއާގެ ކޯޗެލާގައި ހުންނަ ބޮބީ ޑިއުކް މިޑްލް ސްކޫލުގައި ބުދަ ދުވަހުގެ އިއްޔެ ހެނދުނު ހިނގި ނުރައްކާތެރި ކެމިކަލް ލީކުވުމުގެ ހާދިސާއަކާއި ގުޅިގެން 18 ދަރިވަރަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

ކެލިފޯނިއާގެ ފަޔަރ ޑިޕާޓްމަންޓުގެ ސިފައިން އެސަރަހައްދަށް ގޮސްފައިވަނީ ހެނދުނު 11:16 ހާއިރެވެ.

އެ ހާދިސާގެ ވީޑިއޯތަކެއް ވަނީ އާއްމު ވެފައެވެ. އެ ވީޑިއޯތަކުން ފުލުހުންގެ ބައެއް ވެހިކަލްތަކާއި އެމްބިއުލާންސްތަކާއި ފަޔާ ޓްރަކްތައް ސްކޫލުގައި ސަފު ހަދައިގެން ތިބި މަންޒަރު ފެންނައިރު، "ކެމިކަލް ވަސް ދުވަނީ ކިހިނެއް ވެގެންތޯ" ދެނެގަތުމަށް އެވަގުތު ކަމާބެހޭ ފަރާތްތަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެކްސްގައި ސީއޭއެލް ފަޔާ އިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އަލިފާން ނިއްވާ ޓީމު ތައުލީމީ ފެސިލިޓީއަކަށް އައީ ނޭނގޭ ކެމިކަލް ލީކުވެގެން ކަމަށެވެ. އަދި 24 ކްލާސްރޫމަކަށް ވަނުން މަނާ ކުރިއިރު، ހާލު ދެރަވި މީހުން އެތަނުން ނެރުނީ ފަޔަރ ފައިޓަރ ޕެރަމެޑިކްސް އިން ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އެތަނުން ބެލި 19 ދަރިވަރުންގެ ތެރެއިން 18 ދަރިވަރަކު ކައިރީގައި ހުރި ތިން ހޮސްޕިޓަލަކަށް ގެނައީ އެ ދަރިވަރުންނަށް ސިއްހީ އަވަސް ފަރުވާ ބޭނުން ވެގެން ކަމަށްވެސް ބުނެފައި ވެއެވެ. އަދި ސްކޫލުގެ މުވައްޒަފަކު ވެސް ހޮސްޕިޓަލަށް ގެންދިޔައިރު، އެންމެން ވެސް ރަނގަޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސަދަން ކެލިފޯނިއާ ގޭސް ކޮމްޕެނީއަށް ވެސް ގޭސް ލީކުވުމާއި ވަސް އަދި ކެމިކަލް ލީކުވެފައިވާ ކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް އެވެ.