އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހްއަށް އަރައިފި ނަމަ އިސްރާއީލަށް ހަތިޔާރުތައް ފޯރުކޮށްދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ދިނުމުން އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން-ގްވީރް ބައިޑަންއަށް ޖޯކު ޖަހައިފިއެވެ.

ސީއެންއެންއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބައިޑަން އިއްޔެ ވިދާޅުވެފައިވަނީ އިސްރާއީލުން ރަފާހްއަށް އަރައިފި ނަމަ އެމެރިކާއިން އެ ގައުމަށް ޒަމާނުއްސުރެ ފޯރުކޮށްދެމުން އަންނަ ހަތިޔާރުތައް ފޯރުކޮށްދިނުން ހުއްޓާލާނެކަން އިސްރާއީލަށް ވަރަށް ސާފުކޮށްދީފައިވާނެ ކަމަށެވެ.

ބައިޑަން އެހެން ވިދާޅުވުމާއި ގުޅިގެން އިސްރާއީލްގެ މިނިސްޓަރު އިޓަމާރް ބެން-ގްވީރް ވަނީ އޭނާގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބައިޑަންއަށް ޖޯކު ޖަހާފައެވެ. އެ ޕޯސްޓުގައި ބެން-ގްވީރް ވަނީ ހަމާސްއާއި ބައިޑަންގެ ނަމުގެ ދޭތެރޭގައި ހިތުގެ އިމޯޖީއެއް ޖަހައިފައެވެ. އޭނާ އެ ޕޯސްޓުން އިޝާރާތް ކުރީ ހަމާސް ބައިޑަންއާ ދެމެދު ލޯބި އޮތް ކަމަށެވެ.

ބެން-ގްވީރްއަކީ އިސްރާއީލުގެ ހަރުކަށި ޔަހޫދީން ފަލަސްތީނުގެ ބިންތަކަށް ވަޒަންވެރިވެ، ފަލަސްތީނުގެ އާންމުންނަށް އަނިޔާވެރިވާން ފާޅުގައި ހިތްވަރު ދޭ މީހެކެވެ. އޭނާ ވަނީ ބައިނަލްއަގުވާމީ ޕްރެޝަރަށް ބެލުމެއް ނެތި އެތައް މިލިއަން ބަޔަކު ހިމާޔަތް ހޯދަން ގޮސްފައިވާ ރަފާހްއަށް ހަމަލާދޭން ވެސް އިސްރާއީލުގެ ނިރުބަވެރި ސަރުކާރަށް މި ފަހުން ބާރު އަޅައިފައެވެ.

އެ އިންޓަވިއުގައި ބައިޑަން ވަނީ ފުރަތަމަ ފަހަރަށް އެމެރިކާއިން ފޯރުކޮށްދޭ ބޮންތައް ބޭނުންކުރުމުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުން ޝަހީދުވަމުންދާ ކަމަށް އެއްބަސްވެފައެވެ. އަދި އިސްރާއީލުން އާބާދީ ބޮޑު ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ގޮތުން ވެސް އާންމުން ޝަހީދުވާ ކަމަށް އޭނާ އެއްބަސްވިއެވެ. އަދި ރަފާހްއަށް އިސްރާއީލުގެ ސިފައިން އަރައިފި ނަމަ ބޮމާއި އާޓިލަރީ ޝެލްތައް ފޯރުކޮށްދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު ބައިޑަން ދެއްވިއެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށްދިނިން، އެ މީހުން ރަފާހްއަށް އަރައިފި ނަމަ، އަދި އެ މީހުން ރަފާހްއަށް ނާރާ، އެ މީހުން ރަފާހްއަށް އަރައިފި ނަމަ މި މައްސަލައާ ގުޅިގެން އިސްރާއީލަށް ޒަމާނުއްސުރެ ފޯރުކޮށްދެމުން އަންނަ ހަތިޔާރުތައް ފޯރުކޮށްދިނުން ހުއްޓާލާނެ ކަމަށް،" ބައިޑެން ވިދާޅުވެފައިވެއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުންގެ ސަބަބުން އިންސާނީ ކާރިސާއެއް އުފެދިފައިވާއިރު، ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން ބައިޑަންގެ ސަަރުކާރަށް ދަނީ ޕްރެޝަރު އަމާޒުވަމުންނެވެ. އެގޮތުން، ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން ވެސް ޕްރެޝަރު ކުރިމަތިވަމުން އަންނަ އިރު އެމެރިކާގައި އާންމުންނާއި ކޮލެޖު ދަރިވަރުން ދަނީ އެކަމަށް ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

އެމެރިކާގެ ރައީސަކު ހޮވަން ބާއްވާ އިންތިހާބު ކައިރިވަމުން އަންނަ އިރު، އިސްރާއީލުގެ ގަތުލުއާންމާ ގުޅިގެން ބައިޑަން ގެންގުޅޭ ސިޔާސަތުތަކާ ހެދި އޭނާއަށް ފާޑުކިޔުން އަމާޒުވަމުންދާއިރު، ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުންގެ ތާއީދުވެސް އޭނާއަށް ދަނީ ކުޑަވަމުންނެވެ.