ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލު ވުޖޫދުވުމާއި ވުޖޫދުގައި އޮތުމުގައި އަބަދުވެސް އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އެމެރިކާ އިންނެވެ. އެމެރިކާ ފާހަގަވެފައިވަނީ އަބަދުވެސް ހުރިހާ ހާލަތެއްގައި ވެސް ޔަހޫދީ އިސްރާއީލަށް އެހީތެރިކަމާއި މަދަދުވެރިކަން ފޯރުކޮށްދޭ އެހީތެރިއެއްގެ ގޮތުގައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލާއި ދެކޮޅަށް 1960 ގެ އަހަރުތަކުގައި އަރަބި ގައުމުތަކުން ހަނގުރާމަ އަށް ނުކުތުމުން އިސްރާއީލްގެ ވުޖޫދު ދިފާއުކޮށް ޔަހޫދީންގެ ހިމާޔަތުގައި ނުކުތީ އެމެރިކާ އިންނެވެ. އެމެރިކާ އިން މި ހަނގުރާމައިގައި އަމަލީގޮތުން ބައިވެރިނުވި ނަމަވެސް އެ ގައުމުން ވަނީ އަރަބި ގައުމުތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އިސްރާއީލަށް ހަތިޔާރު ދީފައެވެ.

އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭހާ ހިނދަކު އިސްރާއީލުގެ އަސްކަރިއްޔާ ބަލިކުރުމަކީ އަރަބި ގައުމުތަކަށް ފަސޭހަކަމަށް ނުވާނެ ކަން އަރަބިން ވެސް މިހާރު ވަނީ ޤަބޫލްކޮށްފައި ކަން އަރަބިންގެ އަމަލުތަކުން ސާބިތުވެއެވެ.

އެމެރިކާ އިން މެދުއިރުމަތީގައި އެ ގައުމުގެ ސިޔާސަތުތަކާއި ފަލްސަފާ ތަންފީޒުކުރުމަށް ބޭނުން ކުރާ ގައުމަކީ އިސްރާއީލެވެ. އެމެރިކާ އިން ވަނީ އިޤްތިޞާދީ ގޮތުން ވެސް އިސްރާއީލްގައި ވަރަށް ގިނަ އިންވެސްޓްމެންޓްތައް ކޮށްފައެވެ. އިސްރާއީލްގެ އިޤްތިޞާދު ކުރިއެރުވުމުގައި އެމެރިކާގެ ހިއްޞާ ވަރަށް ބޮޑެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ޝަހީދުވަމުންދާތީ އެމެރިކާ އިން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އިސްރާއީލުން ވަނީ އެމެރިކާގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދީފައެވެ.

ދެ ގައުމުގެ ގުޅުމަށް ނުތަނަވަސްކަން ކުރިމަތިވެފައިވަނީ އދ ގެ ސަލާމަތީ މަޖިލީހުގައި އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ޤަރާރު ފާސްކުރުމަށް ނެގި ވޯޓު އެމެރިކާ އިން ވީޓޯ ނުކުރުމުންނެވެ. އެ ފަހަރު އެމެރިކާ އިން އެ ގޮތަށް ކަންތައް ކުރުމުން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތުން ވަނީ އެމެރިކާ އަށް އެ ގައުމުގެ ސަރުކާރުގެ އިސްވެރިން ކުރަން އޮތް ރަސްމީ ދަތުރެއް ވެސް ކެންސަލް ކޮށްފައެވެ.

އޭގެ ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފޯނުން ގުޅައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ފިލުވާލައިފައެވެ.

އެމެރިކާ އިން ވަނީ އިސްރާއީލާއި ދެމެދު އޮންނަ ގުޅުން ހީނަރުނުވާނެ ކަމަށް އެތައް ފަހަރަކު ބުނެފައެވެ. އަދި ވަރަށް ފަހުން އެމެރިކާ އިން ވަނީ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިތުރަށް ޒަމާނީ ކުރުމަށް ކަމަށް ބުނެ އެ ގައުމަށް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ދިނުމަށްވެސް ނިންމާފައެވެ.

ނަމަވެސް ރަފަހް އަށް އެއްގަމު މަގުން ނޭރުމަށް އެމެރިކާގެ ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ދިޔައީ ޔަހޫދީ އިސްރާއީލަށް އިލްތިމާސް ކުރަމުންނެވެ. އެންމެ ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން ނޭރުމަށް ގޮވާލާފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތުން އެމެރިކާ އިން ގޮވާލި ގޮވާލުމަށް އިޖާބުނުދީ ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެރުމުން އެމެރިކާގެ ސިޔާސީ ބޭފުޅުން ވަނީ ރައީސް ބައިޑެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އެމެރިކާގެ ރައްޔިތުންގެ މެދުގައި ރައީސް ބައިޑެންގެ މަޤްބޫލުކަން ދަށް ވަމުންދާ ކަމަށް އެމެރިކާގެ މީޑިއާތަކުން ނަގާ ހިޔާލު ހޯދުމުގެ ވޯޓުތަކުން ވަނީ ދައްކަން ފަށާފައެވެ.

މިއީ އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމުން ރައީސް ބައިޑަން އަށް ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފިއްތުންތަކުގެ ނަތީޖާ އަކަށްވީ އެމެރިކާ އިން އިސްރާއީލަށް ދޭން ނިންމާފައިވާ ހަތިޔާރުތައް ދިނުން ފަސްކޮށްލިކަން އެމެރިކާގެ ސަރުކާރުން އިއުލާން ކުރުމެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާ އިން ކުރިން ޔަހޫދީ އިސްރާއީލަށް ދިން ހަތިޔާރުތައް ބޭނުން ކޮށްގެން ފަލަސްތީނުގެ ޣައްޒާ އަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުވެފައިވާ ކަމަށް އެންމެ ފަހުން އަމިއްލައަށް އެއްބަސްވެސް ވެފައެވެ.

ނޮވެމްބަރު މަހުގެ އިންތިހާބްގެ ކުރިން އެމެރިކާގެ ރައީސް މި ވަނީ އޭނާގެ ސަރުކާރުން އިސްރާއީލާއި މެދު ގެންގުޅޭ ސިޔާސަތު ބަދަލުކުރާނެ ކަމުގެ އިންޒާރެއް އިސްރާއީލަށް ދީފައެވެ.