ޔަހޫދީންގެ ޣައިރު ޤާނޫނީ އަނިޔާވެރި ދައުލަތް އިސްރާއީލުން ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ޔަހޫދީންގެ ހަރުކަށި ހާރިޖީ ވަޒީރު އިސްރެއެލް ކަޓްޒްސް ބުނެފިއެވެ.

އިސްރާއީލުގެ ހަރުކަށި ފިކުރުގެ ހާރިޖީ ވަޒީރު މީސް މީޑިއާގެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށާއި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތް ފަލަސްތީނުގެ ބިމުން މި ފަހަރު އެއްކޮށް ފުހެލާނެ ކަމަށެވެ.

ކަޓްޒް އިތުރަށް ބުނެފައިވަނީ އިސްރާއީލްގެ ރައްޔިތުންގެ ހައްޤުގައި މިއަށްވުރެ ރަނގަޅު އިންސާފުވެރި ހަނގުރާމަ އެއް ނޯންނާނެ ކަމަށެވެ. އަދި އިސްރާއީލްގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިން ކަށަވަރު ކުރުމަށް މިއީ ކޮންމެހެން ވެސް ކުރަން މަޖުބޫރު ހަނގުރާމަ އެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ބުނެފައިވަނީ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރަން ފަލަސްތީނުގެ ރަފަހް އަށް ކޮންމެހެން ވެސް ހަމަލާދޭން ޖެހޭ ކަމަށެވެ. އަދި ހަމާސް ޖަމާއަތް އެއްކޮށް ވުޖޫދުން ފުހެލާނެ ކަމަށް ވެސް ނަތަންޔާހޫ ކުރިން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މިހާރު ވަނީ ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން ހަމަލާދޭން ފަށާފައެވެ. އަދި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ޓޭންކަރުތަކާއި ބަރު ހަތިޔާރާއި އެކީ ޣައްޒާގެ ރަފަހް އަށް އަރާފައެވެ. އަދި ވައިގެ މަގުން ވެސް ދަނީ ރަފަހް އަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން އެރުމަކީ ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ހިނގުމަށް މަގުފަހިކުރުވާނެ ކަމެއް ކަމަށް އދ އިން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ރަފަހް ބޯޑަރު ހުރަސް ބަންދުކޮށް ޣައްޒާ އަށް އިންސާނީ އެހީ ވެއްދޭނެ ހުރިހާ މަގެއްވެސް ބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުކުޅޭ

    ކަލެއަކީ ދައްޖާލެއް ކަލެއަށް މިދުނިޔެމަތީގަވެސް އަދި އާހިރަތުގަވެސް ގެއްލުމާއި ހަލާކު މިންވަރު ކުރަށްވާށިއެވެ އާމީން.