ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެސަރަހައްދުގައި ކާބޯތަކެތީގެ ދަތިކަން ދިމާވެފައިވާތީ، ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފިއެވެ.

ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ ނިރުބަވެރިންގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދަނީ ހީވެސް ނުކުރެވޭ ވަރުގެ ތަކުލީފެއް އުފުލަމުން ކަމަށެވެ. އެ ޖަމިއްޔާއިން މިސާލުތަކެއް ވެސް ދައްކާފައެވެ.

އެގޮތުން އުމުރުން 7 އަހަރުގެ ޖަނާއަކީ "ސިވިއާ އެކިއުޓް ނިއުޓްރިޝަން އާއި ޑީހައިޑްރޭޝަން" ހުންނަ ކުއްޖެއް ކަމަށް ބުނެފައެވެ. އަދި އޭނާ އަކީ ސްޓެބިލައިޒޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުން އަންނަ 46 ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެއްކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެކުއްޖާއަށް ލިބެން ޖެހޭ އެންމެ ރަނގަޅު ފަރުވާ ލިބެމުން ނާންނާތީ ޣައްޒާގެ އިތުރުގައި ހުންނަ ކަމާލް އުދުވާން ހޮސްޕިޓަލުން، ދެކުނުގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް ކޯޕްސް ފީލްޑް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

"200 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ހިނގި މި ހަމަނުޖެހުންތަކަށްފަހު 1.1 މިލިއަން މީހުންނަށް ކާބޯތަކެތީގެ ނުރައްކާތެރިކަން ދަނީ ކުރިމަތިވަމުން. ކާބޯތަކެއްޗާއި ރައްކާތެރި ބޯފެން ނުލިބުމުގެ ސަބަބުން ބަލިތައް ފެތުރޭ މިންވަރު ވަނީ އިތުރުވެފަ" އެ ޖަމިއްޔާއިން ބުންޏެވެ.

ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރޭގައި އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަފާހަށް ވަދެގެންފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ރަފާހަށް ވަދެގަނެ، އެތަކެއް ބަޔަކަށް ހަމަލާދީ، ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.