ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ ގެ ރަފަހް އަށް ދެމުންދާ ހަމަލާތަކުގައި ރަފަހްގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު މުޅިން ހަލާކުކޮށްލާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

ފަލަސްތީނުގެ ޣައްޒާ އަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން 7 މަސް ދުވަސް ވަންދެން ދެމުންދިޔަ ހަމަލާތަކުގައި ޣައްޒާގެ ފެނުގެ ނިޒާމު މުޅިން ސުންނާފަތި ކޮށްލާފައިވާ އިރު، ޣައްޒާގެ ރައްޔިތުން ސާފު ބޯފެން ހޯދުމަށް ބަރޯސާ ވަނީ އިންސާނީ އެހީދޭ ޖަމިއްޔާތަކުން ދެމުންދާ ފެނުގެ އެހީ އަށެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރިން ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ޣައްޒާގެ ރަފަހް ބޯޑަރު ހުރަސް ހިފުމާއި އެކީ ޣައްޒާ އަށް އެހީ ވެއްދުމުގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފައެވެ.

އެއާ އެކު ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ ގޮތްތައް ބަންދުވެ ރަފަހް ވަނީ ސާފު ބޯފެނަށް ޖެހިފައެވެ.

ޣައްޒާގެ ހާލަތު މިހާރު އޮތް ގޮތް ބަޔާން ކުރަމުން ފަލަސްތީނުގެ ބައެއް މަސްދަރުތަކުން އަލް ޖަޒީރާ އަށް މައުލޫމާތު ދިން ގޮތުގައި ޣައްޒާގައި މި ވަގުތު ފެން ހޯދުމަށްޓަކައި ހަދާފައިވާ ކިއު ތަކުގައި ހަމަނުޖެހުންތައްވެސް ވަނީ ހިނގާފައެވެ.

އަދި ކިއު ތަކުގައި ފެނުގެ އިންތިޒާރުގައި ތިބި ކުޑަކުދިންނަށް އިސްކަންދީ ބޮޑެތި މީހުން ދަނީ ފަހަތަށް ޖެހެމުންނެވެ. މިއީ ބަލަން ފަސޭހަ މަންޒަރެއް ނޫން ކަމަށް އަލް ޖަޒީރާގެ ނޫސްވެރިން ވަނީ ބުނެފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން މިހާރު ދަނީ ހަމަލާތައް ދެމުންނެވެ.