ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުން އޮންނަ ރަފާހަށް ދޭން ފެށި ހަމަލާތަކާއި ގުޅިގެން އެތަނުގައި ދިރިއުޅެމުން އަންނަ 80،000 އަށްވުރެ ގިނަ މީހުން އެތަން ދޫކޮށް ގޮސްފައިވާ ކަމަށް އދ އިން ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް އަންނަނީ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި އެތަކެއް ހާސް ބަޔަކު ޝަހީދުވެފައިވާއިރު، ނިރުބަވެރިން އަދިވެސް އަންނަނީ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރަމުންނެވެ.

އެގޮތުން މިމަހުގެ 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނިރުބަވެރިން ވަނީ ޣައްޒާގައި އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަފާހް ހުސް ކުރަން އަންގައި، އެތަނަށް ވަދެގަނެފައެވެ. އަދި އެއްގަމު މަގުންނާއި ވައިގެ މަގުން ގިނަ ހަމަލާތަކެއް އަންނަނީ ދޭން ފަށާފައެވެ.

މި ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގައި ތިބި ރެފިއުޖީންގެ ކަންކަން ބަލަމުން އަންނަ އދ ގެ ގޮފިން ބުނީ، ހަނގުރާމައިގެ ސަބަބުން ރަފާހު ދޫކޮށް 80،000 އަށްވުރެ ގިނަ މީހުން ގޮސްފައިވާ ކަމަށެވެ.

"ނިރުބަވެރިން އެތަނަށް ހަމަލާދޭން ފެށި ފަހުން 80،000 އަށްވުރެ ގިނަ މީހުން ވަނީ އެތަން ދޫކޮށް އެހެންތަންތަނަށް ބަދަލުވެފަ، އެގޮތަށް ބަދަލުވި އާއިލާތަކަކުގެ އަދަދު ގިނަ. އެއްވެސް ތަނެއް ރައްކާތެރިއެއް ނޫން"

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.