ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލަށް އެހެން އެއްވެސް ބައެއްގެ އެހީތެރިކަން ނުލިބި އެކަނި ތިބެން ޖެހުނަސް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތާއި ދެކޮޅަށް ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ނުހުއްޓާނެ ކަމަށް ޔަހޫދީ އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސް ވަރު ޖަރުމަނުވިލާތުގެ ވެރިޔާ އެޑޯލްފް ހިލްޓަރު ޔަހޫދީންނާއި ދެކޮޅަށް ހިންގި ނަސްލު ނައްތާލުމުގެ ގަތުލު އާންމު، " ހޮލޮކޯސްޓް" ގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިން ހިތާބުގައި ބުނެފައިވަނީ އިސްރާއީލަކީ ބަލި ޤަބޫލުކުރުމުގެ ސަޤާފަތެއް ގެންގުޅޭ ގައުމެއް ނޫން ކަމަށާއި، އިސްރާއީލްގެ ރައްޔިތުންގެ ހައްޤުގައި އަދި އިސްރާއީލްގެ މިނިވަން ކަމާއި ސުލްހަމަސަލަސްކަން ހިމާޔަތް ކުރަން ފަސްނުޖެހޭނެ ކަމަށާއި، އެކަމަށް ހަނގުރާމަ ވެސް ކުރާނެ ކަމަށެވެ.

އިސްރާއީލުން ކުރަމުންދާ މި ހަނގުރާމައަކީ އިސްރާއީލްގެ މިނިވަން ކަން ކަށަވަރުކުރުމަށް ކުރާ ހަނގުރާމައެއް ކަމަށާއި، މި ކަމުގައި އެއްވެސް ގައުމަކުން އެހީތެރިކަން ނުދިނަސް އިސްރާއީލުން ފަހަތަށް ނުޖެހޭނެ ކަމަށާއި، އެކަނި ވިޔަސް ހިތްވަރާއި އެކީ ހަނގުރާމަ ކުރާނެ ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

" މީގެ 80 އަހަރު ކުރިން ޔަހޫދީންގެ ނަސްލު ނައްތާލަން މަސައްކަތް ކުރި އިރު ޔަހޫދީން އޮތީ ބާރެއް ނެތި. އެއްވެސް ގައުމަކުން ޔަހޫދީންނަށް އެހީތެރިކަން ދޭކަށް ނައި. ނަމަވެސް ޔަހޫދީން ހިތްވަރު އެލުވާލާފައެއް ނުވޭ." އިސްރާއީލްގެ ރައްޔިތުންނާއި މުހާތަބުކޮށް އޭނާ ދިން ހިތާބުގައި ބުނެފައި ވެއެވެ.

ޔަހޫދީންންވެސް މުގައްދަސް ކަމަށް ގަބޫލު ކުރާ ސަހަރެއް ކަމަށްވާ ގުދުސް ގައި ހުރެގެން ނަތަންޔާހޫ ދިން ހިތާބުގައި ބުނެފައިވަނީ އިސްރާއީލް މި ހަނގުރާމައިގައި އެކަނި އޮންނަން ޖެހުނަސް ހަނގުރާމަ ކުރާނެ ކަމަށާއި ނަމަވެސް އިސްރާއީލް އޮތީ އެކަނި ނޫން ކަމަށެވެ. އަދި ދުނިޔޭގައި އިސްރާއީލަށް ތާއީދުކުރާ ރަނގަޅު އެތައް ބަޔަކު އެބަ ތިބި ކަމަށްވެސް ނަތަންޔާހޫ ބުނެފައި ވެއެވެ.

ނަތަންޔާހޫ މިހެން ބުނެފައިވާ އިރު އިސްރާއީލުގެ އަނިޔާވެެރި އަސްކަރިއްޔާ އިން މިހާރު ވަނީ ޣައްޒާ ގެ ރަފަހް އަށް އެއްގަމު މަގުން އަރާފައެވެ. އަދި އެކަމާއި ގުޅިގެން އިސްރާއީލުގެ އެންމެ ބޮޑު މަދަދުވެެރިޔާ، އެމެެރިކާ އިން ވަނީ އިސްރާއީލަށް ދޭން ނިންމާފައިވާ ހަތިޔާރުތައް ދިނުން މަޑުޖައްސާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮސް

    އެކަނި ތިބެން ޖެހުނަސް ފަލަސްތީނުގައި ތިބި ކުޑަކުދިންނާއި އަންހެނުންނާއި އާންމުން މެރުން ހުއްޓައެއް ނުލާނަން- ނަތަންޏާހޫ

  2. މުސްލިމު އުޚުތު

    އެކަނި އޮވެ އަމިއްލަ ކައްވަޅު އަވަހަށް ކޮނޭ. ﷲގެ ނަސްރު ވަނީ ދާދި ގާތުގަ. މާތﷲގެ ވާގިފުޅާ އެކު ދާދި އަވަހަށް ﷲގެ ލަޝްކަރު ނިކުމެ ޔަހޫދިންގެ ވަސްވެސް ޣައްޒާ ބިމުން ފޮހެލާނެ. ކަލޭމެން ޔަހޫދީންގެ މަކަރުވެރި ރޭވުން ﷲ މޮޅަށް ދެނެވިޑިގެންވޭ.